ޚަބަރު

ސްޓެލްކޯގެ %50 ހަކަތަ އިޢާދަކުރަނިވި ހަކަތައަށް ހަދަނީ


މި ވެރިކަމުގެ 5 އަހަރު ނިމޭއިރު ސްޓެލްކޯއިން އުފައްދާ ހަކަތައިގެ %50އަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަކީ އަމާޒެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ޙަސަން މުޣުނީ މިހެން ވިދާޅުވީ، އޭޑީބީގެ ރައީސް ޓަކެހިކޯ ނަކާއޯ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ސްޓެލްކޯއަށް ކުރެއްވި ޒިޔާރަތައްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

މުޣްނީ ވިދާޅުވީ، ސްޓެލްކޯގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު އޭޑީބީގެ ރައީސްއަށް ޙިއްސާކުރެއްވިކަމަށެވެ. އެގޮތުން މި ވެރިކަމުގެ 5 އަހަރު ނިމޭއިރު ސްޓެލްކޯއިން އުފައްދާ ކަރަންޓުގެ %50އަކީ އަވިން އުފައްދާ ހަކަތައަށް ހެދުމަކީ އަމާޒެއްކަމަށެވެ. އަދި ރަށްރަށުގައި މިއަށްވުރެ ފުޅާކޮށް މި މަޝްރޫޢު ކުރިއަށްގެންގޮސް ބައެއް ރަށްރަށުގައި %100 އަވިން ބޭނުންކުރާ ހަކަތައަށް ހެދުމަށް އަމާޒުހިފާފައިވާކަމަށެވެ.

"އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި އޭޑީބީގެ ރައީސްއަށް ބްރީފްކޮށްލަދިންކަމަކީ ސޯލާގެ ކަންތައް ކުރިއަށްގެންދާނެ ސްކޭލްގެ ވާހަކަ. އަޅުގަނޑު ބޭނުންވަނީ މި 5 އަހަރު ނިމޭއިރުގައި ސްޓެލްކޯގެ %50 އަކީ ސޯލާ ހަކަތައަށްވުން. ރަށްރަށުގައި އަޅުގަނޑުމެން ގެންދާނަން އެއަށްވުރެވެސް އިތުރަށް. މާނައަކީ %100 އެއްބައި ރަށްރަށުގައި އަޅުގަނޑުމެން ސޯލާ ޖަހަމުން ގެންދާނަން." ޙަސަން މުޣްނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ބެޓްރި ސްޓޯރޭޖް ސިސްޓަމްއާއި ގުޅޭގޮތުންވެސް އޭޑީބީގެ ރައީސްއަށް ވަނީ މައުލޫމާތު އަރުވާފައެވެ. ބެޓްރި ސްޓޯރޭޖް ސިސްޓަމްއަކީ އުފައްދާ ހަކަތަ ސްޓޯ ކުރުމުގެ ނިޒާމެކެވެ. މިއީ އަގުބޮޑު ސިސްޓަމެއްކަމަށާއި، މި ސަރަހައްދުގެ ޤައުމުތަކުން ނިސްބަތުން މި ސިސްޓަމް ބޭނުންކުރާ މިންވަރު މަދުކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން 30 އިންސައްތައަށްވުރެ މައްޗަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ކަމަށްވާނަމަ ސްޓޯރޭޖް ސިސްޓަމްތައް ބޭނުންވާނެކަން މުޣްނީ ފަހަގަކުރެއްވިއެވެ. އެހެންކަމުން މި ސިސްޓަމްތައް ބޭނުންކުރުމުގައި އޭޑީބީއަށް ވެދެވެންއޮތް އެހީތެރިކަމެއް ވެދޭނެކަމުގެ ޔަޤީންކަން އެ ބެންކުގެ ރައީސް ވަނީ އަރުވާފައެވެ.

މީގެ އިތުރުންވެސް ސްޓެލްކޯއިން ކުރިއަށްގެންދާ އިތުރު މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ވަނީ އޭޑީބީގެ ރައީސްއަށް އަރުވާފައެވެ. އޭގެތެރޭގައި ސްޓެލްކޯގެ ހުރިހާ ސިސްޓަމެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތާއި، ވޭސްޓް ހީޓް ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ސްޓެލްކޯގެ ގިނަ ޕްރޮޖެކްޓްތަކަކީ އޭޑީބީގެ އެހީގެ ދަށުން ހިންގާފައި ހުރި މަސައްކަތްތަކެއްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި 1988ވަނަ އަހަރުން ފެށިގެން އޭޑީބީއާއި ސްޓެލްކޯއާއި ދެމެދު ގާތް ގުޅުމެއް އޮންނަކަން ސްޓެލްކޯއިން ފާހަގަކުރައްވައެވެ.