ޚަބަރު

ދިވެހި ސިފައިންނާއި އެމެރިކާގެ ސިފައިން ގުޅިގެން ޙާއްސަ ތަމްރީނުތަކެއް ފަށައިފި


ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުތައް ފަށާފައިވަނީ އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ.ކައްދޫގައެވެ.

އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށްދަނީ ކައްދޫގައެވެ. އަދި މި ތަމްރީނުތަކުގައި އެމް.އެން.ޑީ.އެފް ސްޕެޝަލް ފޯސަސްއާއި، އެމް.އެން.ޑީ.އެފް މެރިންކޯ އަދި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެއެވެ. އޭގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން މި ތަމްރީނުތަކުގައި ހަރަކާތްތެރިވެއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައިވެއެވެ.