ވިޔަފާރި

ކޮންސްޓްރަކްޝަންގެ ކުދި މަޝްރޫޢުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ވާދަކުރެވޭ ގޮތް ހަދަނީ


ދައުލަތުން ހިންގާ ކޮންސްޓްރަކްޝަން ދާއިރާގެ ކުދި މަޝްރޫޢުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ބިޑްކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ 'ބީލަންވެރިންގެ މަހާސިންތާ' ތަޢާރަފްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލްއާއި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި މަހަސިންތާގެ ތެރެއިން ބީލަންވެރިންނަށް އެކި މަޝްރުޢުތައް ޓެންޑަރކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، މި މައްސަލަތައް ހައްލުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެކި ބަދަލުގެންނާނެކަމަށެވެ. އަދި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ބީލަމުގެ ތެރެއިން ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އެގޮތުން ކޮންސްޓަރްކްޝަންގެ ސިނާޢަތުގައި ކުރިއަށްގެންދާ އެކި މަޝްރުޢުތަކުގެ ތެރެއިން ވަކި އަގުތަކެއްގައި ހުރި މަޝްރޫޢުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ބިޑް ކުރެވޭ އުސޫލެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

'ދިވެހި ވިޔަފާރިތައް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ މަޝްރުޢުތަކުގެ ތެރެއިން އެ މަޝްރުޢެއްގެ އަގު ވަކި ވަރަކަށް ވުރެ ކުޑަ މަޝްރުޢުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ވާދަކުރެވޭނެ ގޮތް ހެދުމަށްވެސް މިހާރު ވަނީ ނިންމާފަ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ބީލަންވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މާލިއްޔަތު ޤާނޫނުގެ ދަށުން ގެނެވޭނެ ބަދަލުތައް ދެނެގަންނާނެކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މިހާރުވެސް ބީލަންވެރިންގެ މައްސަލަތައް ބަލާނެ މިނިވަން މުޢައްސަސާއެއް ޤާއިމްކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިކުރިއެރުވުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތައް ކުރަމުން. އަދި ބީލަންވެރިން ހުށަހަޅާ އެކި މައްސަލަތައް ދެނެގަނެ މި މައްސަލަތަކަށް ހައްލުކުރުމަށްޓަކައި މާލިއްޔަތު މައްސަލަ ބަލާ އިންޑެޕެންޑެންޓް ކޮމިޓީއެއް ވަނީ އެކުލަވާލާފަ." މިނިސްޓަރ ވިދާޅުވިއެވެ.

މި މަހާސިންތާގެ ތެރެއިން ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ނެޝަނަލް ޓެންޑަރގެ ދައުރު އަދި ބީލަންތަކާއި ގުޅިގެން މައްސަލަ ހުށަހެޅުމާއި ގުޅިގެން ބީލަންވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ބީލަންވެރިންނާއި ބީލަމާގުޅޭ މަޢުލޫމާތު ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން މިދިޔަ އަހަރު ވަނީ ބީލަން ޕޯޓަލްގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ އޮފިސްތަކުން ބީލަމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ނެޝަނަލް ޓެންޑަރ މެދުވެރިކޮށް ބީލަމަށް ހުޅުވާލާ މަޝްރޫޢުތަކާއި ބީލަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.