ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން 'ރައްޔިތުންގެ ބާރު، ލާމަރުކަޒީ ހިންގުން' މިނަމުގައި މަހާސިންތާއެއް ފަށައިފިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާ ކުރިއަށްގެންދަނީ ކުރުނބާ ވިލެޖް މޯލްޑިވްސްގައެވެ. މި މަހާސިންތާ އިފްތިތާހުކޮށް ޝަރަފްވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކައުންސިލަރުނާއި އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.
މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކަން އިސްލާހު ކުރުމަށް އެކުލަވާލާ އެކްޝަން ޕްލޭނާއި މާސްޓަރ ޕްލޭންގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހގަަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި ސަރުކާރުން ލާމަރުކަޒީ ނިޒާމާށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
މިއަދު ފެށި ސިމްޕޯސިއަމްގައި ރައީސް އޮފީހާއި ސަރުކާރުގެ މުވައްސަސާތަކާއި މިދާއިރާގެ ދިވެހި އަދި ބައިނަލްއަގްވާމީ މާހިރުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ރައީސް އޮފީހާއި އެލް.ޖީ.އޭގެ އެއްބާރުލުމާއިއެކު، ގައުމީ ފެންވަރެއްގައި، ލާމަރުކަޒުކުރުމުގެ ކުރިމަގާއި ހިންގުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުން ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެއެވެ. މި މަހާސިންތާ ހުޅުވުގެ ރަސްމިއްޔާތުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މައްޗަށް ހަދާފައިވާ ދިރާސާ ރިޕޯޓުވެސް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ ނެރެދެއްވާފައެވެ.
މިއީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އިސްނަގައިގެން ހިންގާ މިފަދަ ދެވަނަ މަހާ ސިންތާއެވެ. މީގެ އިތުރުން 3 ސަރަހައްދެއްގައި މި އަހަރު މިފަދަ ބައްދަލުވުންތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީއަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާ، 25 އަދި 26 އޮގަސްޓް ގައި އައްޑޫސިޓީގައި ހިންގުމަށް ރާވާފައިވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މައުލޫމާތުދެއެވެ. މިހާރު ކުރިއަށްދާ މަހާސިންތާ އަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން، ޔޫރަޕިއަން ޔޫނިއަން އާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ސިމްޕޯސިއަމް ތަކެކެވެ.