އައި.އެސް.އޯ 27001ގެ މިންގަނޑަށް ޕެންޝަން އޮފީސް ސަރޓިފައިކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
އައިއެސްއޯ 27001ގެ މިންގަނޑަށް ޕެންޝަން އޮފީހުގެ މަސައްކަތްތައް ސަރޓިފައިކުރުމުގެ ކޮންސަލްޓަންސީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއްކަމަށްވާ ކޭޕީއެމްޖީއާއެކުއެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ. ކޭޕީއެމްޖީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕާރޓްނަރ ސަލިޔަރ ޖަޔަވީރާއެވެ.
މި އެއްބަސްވުމުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން މި ސްޓޭންޑަރޑް އިން ގަބޫލުކުރާ ފެންވަރަށް، ޕެންޝަން އޮފީހުގެ އިންފޮމޭޝަން ސެކިއުރިޓީ މެނޭޖްކުރުމާއި، އެއާގުޅޭ އެންމެހާ ކަންތައްތައް ރާވާ ބައްޓަންކުރެވި، ހަރުދަނާ ކުރެވިގެންދާނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.
އައިއެސްއޯ 27001ގެ މިންގަނޑަށް ޕެންޝަން އޮފީހުގެ މަސައްކަތްތައް ރާވާ ހިންގުމުގެ ކޮންސަލްޓަންސީ އެއްބަސްވުން ޤާއިމުކުރެވުނު ކޭޕީއެމްޖީއަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑުތަކަށް ކުންފުނިތަކާ އިދާރާތަކުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.
އައިއެސްއޯ ޓޫ ސެވެން ޒީރޯ، ޒީރޯ ވަން އަކީ އިންފޮމޭޝަން ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމްސް އަދި ސެކިއުރިޓީ ކޮންޓްރޯލްތަކަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރެވޭ ފެންވަރުގެ ސެކިއުރިޓީ ގައިޑްލައިން ފްރޭމްވޯކެކެވެ. އައިއެސްއޯ ޓޫ ސެވެން ޒީރޯ، ޒީރޯ ވަންއަށް ސަރޓިފައިވުމާއެކު ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ މައުލޫމާތު ބެލެހެއްޓުމުގައި ދެމެހެއްޓޭނެ އިތުބާރާ ޔަގީންކަމެކެވެ.