މަސްވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމަށް ތާޢީދުކުރައްވާ މަސްވެރިކަމާ ބެހޭ ބިލަށް އެ އިޞްލާޙު ގެނައުމަށް މަޖިލީހުގެ ގިނަ މެންބަރުން ގޮވާލައިފިއެވެ. މެންބަރުން މިކަމަށް ގޮވާލާފައިވަނީ މަސްވެރިކަމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ. މި ބިލަށް ގިނަ އިޞްލާހުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުންވެސް ވަނީ އެމްޑީޕީން ބޭނުންވާ ސިފަ ބިލުން ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށައެޅުއްވި މަސްވެރިކަމުގެ ބިލަށް ބަހުސްކުރައްވަމުން އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، މަސްވެރިންނަކީ އުމުރުދުވަހު އެކަމުގައި ބުރަ މަސައްކަތްތަކެއްކުރާ ބައެއްކަމަށެވެ. އަދި ކަނޑުމަތީގައާއި އެއްގަމުގައިވެސް މަސްވެރިކަމާ ގުޅުންހުރި ބުރަ ބޮޑެތި މަސައްކަތްތަކެއް މަސްވެރިންކުރާކަމަށާއި، ޢުމުރުދުވަހުއެ ކުރި މަސައްކަތަށް އަސާސީ ޕެންޝަން ފައިސާގެ އިތުރުން މަސްވެރިކަމަށް ކުރި ޚިދުމަތާ ގުޅުންހުރި ޕެންޝަން ސްކީމެއް ތަޢާރަފްކުރަންޖެހޭކަމަށްވެސް މެންބަރު ވިދާޅުވިއެވެ،
"ޕެންޝަން ސްކީމް ތަޢާރަފްކުރެވިދާނެ ސަރުކާރުން ޕަސެންޓެއް ލެވޭގޮތަށްވެސް. ހަމައެހެންމެ ދެ ޖިންސްގެ ހަމަހަމަކަމާއެކު މަސްވެރިކަންކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަކީވެސް މުހިންމުކަމެއް. އަޅުގަނޑު ޤަބޫލުކުރަނީ އަލަށް މަސްވެރިކަމަށް ވަންނަ ޒުވާނުންނަށްވެސް ޝަޢުޤުވެރިވާނެ ގޮތަށް ބިލް ބައްޓާން ކުރަންޖެހޭކަން." ޝިފާޢު ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކުގައި މަސްވެރިކަމާ ބެހޭ ބޭންކުވެސް ހުންނަކަމަށެވެ. ނަމަވެސް ރާއްޖޭގައި ކޮމާޝަން ބޭންކުން މަސްވެރިންނަށް ޚާއްޞާ އެއްވެސްކަމެއް ކުރާތަން ނުފެންނަކަމަށާއި، އެހެންކަމުން އެއްވެސް ތަކުލީފަކާނުލާ މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަވާންޖެހޭކަމަށް ޙަސަން ވިދާޅުވިއެވެ. އޭނާ ވަނީ ހުރިހާ ސަރުކާރެއްގައިވެސް މަސްވެރިންގެ ނަން ބޭނުންކުރާއިރު، މަސްވެރިންނަށް އެއްވެސްކަމެއް ކޮށްދޭތަން ނުފެންނަކަމަށްވެސް ވިދާޅުވެފައެވެ.
"އަމިއްލަ މީހަކު 90 ފޫޓުގެ ދޯންޏެއް ސަފާރީ ފެންވަރަށް ބަންނަން ރާއްޖޭގެ ބޭންކުތަކުން ލޯން ނުލިބިއުޅޭތަން ފެންނަނީ. އެކަމު ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަމަށް ބުނެ މަސް ރާއްޖެއިން ބޭރުކުރަނީ. އެހެންވީމަ މަސްދޯނި ބަންނަންވެސް އަދި މިނޫންގޮތަކަށް މިކަން ކުރެވިގެން އިޤްތިޞާދަށް ފައިދާވާގޮތަށް ބަދަލުވާންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަން." ހަސަން ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލުކުރަނީ މަސްވެރިކަމަކީ އެންމެ އާދައިގެ އެންމެ ނިކަމެތި މީހުން ކުރާ ކަމެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން މިކަން ބަދަލުކުރެވޭނީ ކިޔަވައިދޭ ސްކޫލްތަކުންވެސް މިކަން ބަދަލުކުރަން މަސައްކަތްކޮށްގެން ކަމަށާ، މަސްވެރިކަމުގެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް މެންބަރު ޝާހިދު ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ހައުސިންގ ސްކީމްފަދަ ކަންކަން ތަޢާރަފްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ،
"އަޅުގަނޑުމެންގެ ގިނަ ބަޔަކު ދެކޭ އިންތިޚާބަކުން މީހަކު ބަލިވެއްޖާ ދާންޖެހޭނީ މަހަށް. ކޮންމެ ކަމަކުން ބަލިވީމަ މަހަށް ދާންޖެހޭކަމަށް ދެކޭއިރު އެމީހުންނަކީވެސް އަބުރުވެރި ބައެއްކަމަށް ދެކެންޖެހޭ." ޝާހިދު ވިދާޅުވިއެވެ.
މި ބިލަށް ބަހުސްކުރައްވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ބިލަކީ މަސްވެރިންނަށްކުރި މަލާމާތެއްކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރިކަމާގުޅުންހުރި ފަސް ޤަރާރަށް ކޮމިޓީ މަރުހަލާއާއެކު 30 ގަޑިއިރު ހޭދަކޮށްފައިވާކަމަށެވެ. ޝިޔާމް ވަނީ މަސްވެރިކަމުގެ ބިލް ހުށައަޅާފައިވަނީ ދިރާސާތަކެއް ނުކޮށްކަމަށް ވިދާޅުވެ ސަރުކާރަށާއި މަޖިލީހުގެ މެންބަރުންނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މަލާމާތެކޭ މިދެންނެވީ 30 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކޮށްފައި ޒަމާނަށް ނުފެތޭ ފްރޭމް ވޯކެއް ބިލެއްގެ ސިފާގަ މިއައީ. މި ބިލް މަޖިލީހުގެ ރައީސްވެސް އަދި ބިލް ސްޕޮންސަރ އިހަވަންދޫ ދާއިރާގެ މެންބަރު ވިދާޅުވިހެނެއް ހިޔެއްނުވޭ. އަދި ސަރުކާރަށް ތާޢީދުކުރާ އެހެން މެންބަރުންވެސް ފާހަގަކުރީ ބިލްގަ ހުރި ހުސް މައްސަލަތައް. މި ބިލް އޮތީ މަސްވެރިކަން ބިކަވާނެގޮތަށް. ބޭރުގެ މަސްބޯޓު ފަހަރު ރާއްޖެ ވަނުމަށް ހުއްދަ ދިނުމަކީ ބޮޑޫ ޖަރީމާއެއް އިއްޒަތްތެރި ރައީސް." މަސްވެރިކަމުގެ ބިލަކީ މަސްވެރިންނަށާއި މަޖިލީހަށް އޮތް މަލާމާތެއްކަމަށް ސިފަކުރައްވާ ނައިފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ބިލަށް ބަސްހުކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މި ބިލުގައި އެމްޑީޕީގެ ސިފަ ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހަށް ހުށައެޅި ފަސް ޤަރާރުގައި ބަޔާންކުރި ގިނަ ކަންކަން ބިލުގައި ހިމެނިފައިނުވާކަމަށް ވިދާޅުވެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މެންބަރުންގެ މިވާހަކަތަކާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޤާނޫނު ހެދުމުގެ ބާރު އޮތީ މަޖިލީހަށްކަމަށާއި، ސަރުކާރު ހިންގަވަނީ ރައީސުލްޖުމްހޫރިއްޔާކަމަށާއި އެމްޑީޕީގެ ކެނޑިޑޭޓްކަމަށެވެ. އަދި ސަރުކާރުން ބިލް ހުށައަޅާނީ އެ ރޫހުގައިކަމަށާއި ސަރުކާރުން ހުށައަޅާ ބިލްތަކަށް ތަނަވަސްކަމާއި މުއްސަނދިކަން ގެނައުމަކީ މަޖިލީހުގެ މަސްޢުލިއްޔަތެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިހާރު ޢަމަލުކުރަމުން އަންނަ މަސްވެރިކަމުގެ ބިލަކީ މީގެ 32 އަހަރުކުރިން ޢަމަލުކުރަން ފެށި ޤާނޫނެކެވެ. މި ޤާނޫނަކީ މިހާރަށް އެންމެ އެކަށީގެން ނުވާ އަދި ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ޤާނޫނެއްކަމަށް ދެކި ސަރުކާރުން މިވަނީ މަސްވެރިކަމާ ގުޅޭ އައު ބިލެއް މަޖިލީހަށް ހުށައަޅާފައެވެ. މިއީ މަޖިލީހުގެ މިދައުރުގައި ކުރާނެ އެންމެ ބޮޑު މަސައްކަތުގެ ގޮތުގައި މަޖިލީހުގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.