ވިޔަފާރި

އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް" އެވޯޑް 3 ވަނަ ފަހަރަށް ބީއެމްއެލްއިން ހޯދައިފި


"އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ނުވަތަ އެޝިޔާގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބިއްޖެއެވެ. މިއީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުންދޭ އެވޯޑެކެވެ.

އެވޯޑް ދިނުމަށް ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

ބީއެމްއެލްގެ ފަރާތުން މި އެވޯޑާ ހަވާލުވެފައިވަނީ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް މެނޭޖަރ މުޙައްމަދު އަޝްރަފާއި އެމްޕްލޯއީ ރިލޭޝަންސް މެނޭޖަރ އާސިޔަތު މުޙައްމަދެވެ. އެ ބޭންކަށް މިއެވޯޑް ލިބުނީ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުންކަމަށް އެބެންކުން ވިދާޅުވެއެވެ.

މިއެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރ ސަހާ ވަޙީދު ވިދާޅުވީ މިސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރގެ ގޮތުގައި މިއަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ. ޚާއްސަކޮށް ވިދިވިދިގެން ތިންފަހަރު އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ލިބުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ދިވެހިންނެވެ.