އަތޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްތަކައި، އެމީހުންގެ ސިއްޙީ ޙާލަތު ދެނެގަތުމަށް އަތޮޅުތަކަށް މިއަހަރުގެ ތެރޭގައި ސުޕެޝަލިސްޓް ޑޮކްޓަރުން ފޮނުވަން ފަށާނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީހު ވިދާޅުވީ، އަތޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ސިއްޙީ ހާލަތާގުޅޭ ލިޔެކިއުންތައް ނުވަތަ ސިއްޙީ ޚާއްޞަ ޑޮކްޓަރުންނާއި ހަމައަށް ވާސިލްވުންކަމަށާ، އެމީހުންގެ ސިއްޙީ ޙާލަތާގުޅޭ ލިޔެކިއުންތައް ހޯދުމަށް ދިމާވާ ދަތިތައްކަމަށެވެ.
އެކަމަށް ރިއާޔަތްކޮށް ސަރުކާރުގެ އެދުމުގެ މަތިން މިއަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ރާވާފައިވާކަން ފާހަގަކުރައްވާ އެންސްޕާގެ ސީއީއޯ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ސަރަޙާއްދުތަކަށް ނުވަތަ ރަށްތަކަށް އެ ނުކުޅޭދުންތެރިކަމަކާ ގުޅުންހުރި ސުޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެއީ އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރެޖިސްޓްރީކުރުމަށް ބޭނުންވާ އެހީތެރިކަންކަމަށްވެސް ޢައްޒާމް ވިދާޅުވިއެވެ.
އެހެންކަމުން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރާނެ ޓީމުތަކެއް މިއަހަރުގެތެރޭގައި އެކުލަވާލާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވަން ނިންމާފައިވާކަން ޢައްޒާމް ފާހަގަކުރެއްވިއެވެ.
"ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތައް ތިބި ސަރަޙައްދުތަކަށް ދެވޭނެ ޓިމްތައް އެކުލަވާލާ އެފަދަ ފަރާތްތަކާ ހިސާބަށް މިފަދަ ޓީމްތަކުން ދަތުރުކުރެވި ރެޖިސްޓްރޭޝަނަށް ބޭނުންވާ ހުރިހާ ކަންތަކެއް ފުރިހަމަކުރެވޭނެ ފަސޭހަ މަގެއް މިއަހަރުގެ ތެރޭގައި ހޯދައި ދިނުމަށް މަސައްކަތްއެބަކުރެވޭ." އެންސްޕާގެ ސީއީއޯ ޢައްޒާމް ވިދާޅުވިއެވެ.
މިހާރުވެސް ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި އައްޒާމްވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަނޑައެޅުމާބެހޭ ވަކި ޤަވާޢިދެއް މިހާތަނަށް ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ ފަރާތްތައް ކަނޑައެޅުމަށް ވަކި ޤަވާއިދެއް މިއަހަރުގެ ތެރޭގައި ގެޒެޓްކުރުމަށް ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރައްވާކަމަށްވެސް އައްޒާމް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ފަސޭހަކަމާއެކު މިކަންތައް ފެންނާނެހެން އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު މި މިންގަނޑު ފެންނަން އޮންނާނެ ގޮތެއް ހެދުމަށް މިއަހަރު މި މަސައްކަތްކުރެވެނީ. މިކަމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އަދި ސިއްޙީ ޚިދުމަތްދޭ ތަންތަނަށްވެސް ލިބިގެންދާނެ." އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީހު ވިދާޅުވި.
ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީތެރިކަމުގެ ދަށުން 2000 ރުފިޔާ ކޮންމެ މަހަކު ދަޢުލަތުން އަންނަނީ ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް، ނުކުޅޭދުންތެރިކަން ހުންނަ ހަތް ހާސް ހަތް ސަތޭކަ އެއް މީހަކަށް މާލީ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.