މޫސުން ގޯސްވެ ބ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 12:00އާއި ހަމައަށެވެ. މި ގަޑިތަކުގައި އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ.އަތޮޅުން ފެށިގެން ރ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 1:45އާއި ހަމައަށެވެ. މި ގަޑިތަކުގައި އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. އެގޮތުން ޅ.ނައިފަރުގައިގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީފުން ގެންދަނީ ކުރަމުންނެވެ. ނައިފަރު ކައުންސިލުން ބުނެފައިވަނީ ފެންބޮޑުވުމާއި ގުޅިގެން އެރަށުގެ 4 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި 1 ގެއެއްގެ ފަރުނީޗަރާއި އެހެނިގެން މުދަލަށްވެސް ގެއްލުން ވެފައިވާކަމަށް ކައުންސިލުން ބުނެއެވެ. ނައިފަރަށްވަނީ މެދު ނުކެނޑު 2 ގަޑިއިރު ބޯކޮށް ވާރޭވެހިފައެވެ.
ކައުންސިލުން ބުނީ ރަށުން ފެން ހިންދުމުގެ މަސައްކަތް ކައުންސިލާއި، އެމްއެންޑީއެފާއި ފުލުހުންނާއި، އާންމުންގެ އެހީގައި ކުރިއަށްދާކަމަށެވެ.
ރާއްޖެއަށް މުސުން ގޯސްވެ ކުރަމުންދާ ވިއްސާރައާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ވައި ގަދަވެ ކަނޑުތަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.