ވިޔަފާރި

ބީއެމްއެލްގެ 2004ވަނަ އަހަރުގެ ހިއްސާއަކަށް 16 ރުފިޔާ ބަހަނީ


ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއިން ހިއްސާއަކަށް ސޯޅަ ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.ރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި އެ ބޭންކްގެ 2014 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 16 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ލިބިފައިވާ 86.1 މިލިއަން ރުފިޔާއިންނެވެ. މި އަދަދަކީ ރެކޯޑް އަދަދެއްގެ ފައިދާއެކެވެ.ދެހާސް ސާދަވަނަ އަހަރު ބީއެމްއެލް އިން މާލީގޮތުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި އެކު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މުސާރަ ބޮޑު ކުރުމަށްވެސް ރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެގޮތުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެގާރަ މެންބަރުންނަށް ކުރިން ދެމުން ގެންދިޔަ 7000 ރުފިޔާގެ ބަދަލުގައި 10،000 ރުފިޔާ ދިނުމަށާއި ޗެއާމަން އަށް މިހާރު ދެމުން ގެންދާ 10،000 ރުފިޔާގެ މުސާރަ 15،000 ރުފިޔާއަށް ބޮޑު ކުރުމަށް ހިއްސާދާރުން ވަނީ ރުހުން ދީފައެވެ. މިއީ އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގެ މުސާރަ 2007 ވަނަ އަހަރުން ފެށިގެން ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.ހިއްސާދާރުންގެ ސުވާލްތަކަށް ޖަވާބްދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބްތަކަށް ފުޅާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ތެރޭގައި ހުޅުމާލޭގައި ބީއެމްއެލްގެ ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ.ރޭގެ ޖަލްސާގައި އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލް ކުރާ 3 ހިއްސާދާރުންވެސް ހޮވާފައިވެއެވެ.ރޭގެ ޖަލްސާއަށް ހާޒިރުވި 75 ހިއްސާދާރުގެ ތެރެއިން 47 ހިއްސާދާރުންގެ އިއްތިފާގުން އެމަގާމަށް ހޮވިފައިވަނީ މއ. ޓިއުލިޕްވިލާ، މުހައްމަދު އަބްދުއްސައްތާރާއި ނ. ހޮޅުދޫ، އިބްރާހިމް މުހައްމަދުގެ އިތުރުން، މ. އެގްޒީޓާ، އިބްތިޝާމާ އަހުމަދު ސައީދެވެ.