ޗުއްޓީ ނިންމާލުމަށްފަހު ބާސެލޯނާއާއިއެކު ކުރި ފުރަތަމަ ފަރިތަކުރުންތަކުގައި ކެޕްޓަން މެސީއަށް އަނިޔާވެއްޖެއެވެ.
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު އާއިލާއާއިއެކު ވަގުތު ހޭދަކުރުމަށް މެސީއަށް ލިބުނީ ކުރު ޗުއްޓީއެކެވެ. ޗުއްޓީއަށްފަހު އޭނާ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވީ މި ހަފްތާގައެވެ.
ފަރިތަކުރުންތަކުގައި ބައިވެރިވި ފުރަތަމަ ދުވަހު މެސީގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބާސެލޯނާއިން އައު ސީޒަނަށް ތައްޔާރުވުމަށް އެމެރިކާއަށް ކުރާ ދަތުރުގައި މެސީ ބައިވެރިނުވާނެއެވެ. އަދި ސީޒަންގެ ފެށުމުގެ ގޮތުން ލީގުގައި ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯއާއި ވާދަކުރާ މެޗުގައިވެސް މެސީއަށް ކުޅެވޭނެކަމަށާއިމެދުވަނީ ސުވާލު އުފެދިފައެވެ.
ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާގެ ސަބަބުން އެ ޓީމްގެ ކެޕްޓަން އެމެރިކާ ދަތުރުގައި ބައިވެރިނުވާނެކަމަށާއި، މެސީ ބާސެލޯނާގައި މަޑުކުރަނީ ވީހާވެސް އަވަހަށް އަނިޔާއިން ރަނގަޅުވުމަށްކަމަށެވެ. މެސީވެސްވަނީ އެމެރިކާ ޓުއަރގައި ބައިވެރިނުވެވޭތީ ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
ދާދިފަހުން ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިންވަނީ މެސީ ތިން މަހަށް ސަސްޕެންޑް ކޮށްފައެވެ. މެސީ ސަސްޕެންޑްކޮށްފައިމިވަނީ ކޮޕަ އެމެރިކާގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައްކޮށްފައިވާކަމަށް ބުނެ އޭނާ ފާޑުކިޔުމުންނެވެ. މި ސަސްޕެންޝަނާއިއެކު އޭނާ ބައިލައްކަ ޑޮލަރުންވަނީ ޖޫރިމަނާވެސްކޮށްފައެވެ.