ޚަބަރު

ލުޠުފީގެ ތުހުމަތުތަކާމެދު އަންތަރީސްވޭ - އިމްރާން


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީގެ ތުހުމަތުތަކާމެދު އަންތަރީސްވެވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް މިނިސްޓަރ އިމްރާން އިންޒާރު ދެއްވައި ޖަލަށް ލާނެކަމަށް ވިދާޅުވެކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފަނު އެފަދަ އަމަލެއް ހިންގަފާނެކަމަށް ރައްޔިތުންނަށް ވިސްނާދޭން އުޅުމަކީ ނުހަނު ހައިރާންވާކަމެއްކަމަށެވެ. އަދި މަގުމަތިންދާ މީހަކަށް ބިރުދައްކައި އިންޒާރުދީ އެމީހަކު ފްރޭމްކުރާ ދަރަޖައަށް އެމަނިކުފާނުގެ އަމަލުތައް ދާނެކަމަށް ބަޔަކު ވިސްނަދޭން އުޅުމަކީ ހައިރާންވާކަމެއްކަމަށެވެ. އަދި މިފަދަ ވަހަކަތަކެއް ޤަބޫލުކުރާނެ ދިވެހި ރައްޔިތުންތަކެއް ނެތްކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓަރ އިމްރާނާއި ގުޅޭގޮތުން ލުޠުފީ ވިދާޅުވެފައިވަނީ އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެކަމުގެ އިންޒާރު ދެއްވީ މިނިސްޓަރ އިމްރާން ކަމަށެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައިކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށްވެސް އިންޒާރު ދެއްވި ކަމަށްވެސް ލުޠުފީ ވިދާޅުވިއެވެ.

ލުޠުފީގެ މި ވާހަަތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީންވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައިވަނީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލާގައި ހިމެނޭ ހެއްކަކަށް ދައުލަތުގެ ވަޒީރަކު އިންޒާރުދީ ބިރުދައްކައި ފްރޭމް ކުރަން އުޅުމަކީ ޝަރީއަތައް ނުފޫޒް އޮތް މިންވަރު ހާމަވާ ކަމެއްކަމަށެވެ. އަދި މި އަމަލަކީ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަަލެއްކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިވަގުތު ހުންނެވީ ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގައެވެ.