ވިޔަފާރި

ތުޅާދޫ އައިސް ޕްލާންޓުން އަންނަ ހަފްތާގައި އައިސް ފޯރުކޮށްދެވޭނެ


ބ. ތުޅާދޫގައި ޤާއިމްކުރި އައިސްޕްލާންޓުން އަންނަ ހަފްތާތެރޭ މަސްވެރިންނަށް އައިސް ފޯރުކޮށްދެވޭނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ތުޅާދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމްކުރާ 7 އައިސް ޕްލާންޓް ތަކުގެ ތެރެއިން 1 ޕްލާންޓެވެ. ތުޅާދޫގައި ޤާއިމްކޮށްފައިވާ މި އައިސްޕްލާންޓަކީ މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ޤައިމްކުރި އައިސްޕްލާންޓެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ބަޖެޓުން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ އައިސްޕްލާންޓެއްކަމަށެވެ. މި އައިސްޕްލާންޓް އޮފަރޭޓްކުރަން ފެށުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ހުޅުވިގެންދިޔައީކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ އައިސް ޕްލާންޓެކެވެ. މި އައިސްޕްލާންޓުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ، މި އައިސް ޕްލާންޓުގެ ސަބަބުން ތުޅާދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. ތުޅާދޫގެ ހުޅަނގު ކަނޑަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރު ކަންނެލީގެ މަސްވެރިކަންކުރަން އަންނަ ސަރަހައްދަކަށް ވުމުގެ ސަބަބުން މި އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފެށުމުގެ ސަބަބުން ހަފްތާއަކު 25 އާއި 30 ދެމެދުގެ މަސްދޯނި އެރަށައް އަންނާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި އައިސް ޕްލާންޓް ޤާއިމް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ޙަވާލު ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި 7 ރަށުގެ ތެރޭގައި ހިމެނެނީ ގއ. ކޮލަމާފުށީ ގއ. ދާންދޫގައި ގއ. ދެއްވަދޫ ރ. އަލިފުށި ނ. ޅޮހީ ބ. ތުޅާދޫ އަދި ތ. ހިރިލަންދޫއެވެ.