މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވައި ފެނުނު ބާރަށު ޢަލީ މުޙައްމަދުގެ މަރާމެދު އޭނާގެ ޢާއިލާއިން ސުވާލު އުފައްދައިފިއެވެ.
އަންގާރަ ދުވަހު މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހއ.ބާރަށު ޢުމުރުން 52 އަހަރުގެ ޢަލީ މުހައްމަދުގެ މަރާ ގުޅޭގޮތުން ސުވާލު އުފެދުނީ އެދުވަހު ކަންތައް ހިނގާފައިވާ ގޮތާއި ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި ކަންތައްތަކަކުންކަމަށް ޢާއިލާގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވި ޢަލީ ޝަމީމް ވިދާޅުވިއެވެ.
އެނާ ބުނީ ޢަލީ މުހައްމަދަކީ މާލޭގައި އެހެންބަޔަކާ ޝެއާވެގެން ކޮޓަރިއެއްގައި އުޅޭ މީހެއްކަމަށެވެ. އޭނާ މަރުވިކަން އެގިފައިވަނީ އެދުވަހު ހެދުނު އޮފީހަށްނުދާތީ އެގޭގައި ދިރިއުޅޭ މީހަކު އޭނާއަށް ގޮވުމުންވެސް ހޭނުލީމަކަމަށް ޝަމީމް ވިދާޅުވިއެޗެ. ނަމަވެސް އެއަންހެން މީހާއަށްވެސް އަދި އެހެން މީހުންނަކަށްވެސް ޢަލީ ހޮސްޕިޓަލަށް ގެންދިޔައީ ކޮންބައެއްކަމެއް އިގިފައި ނުވާކަމަށް އޭނާ ބުންޏެވެ. އަދި އެކަން ހޮސްޕިޓަލުގެ ރެކޯޑަކުންވެސް އެގެން ނެތްކަމަށް ބާރަށު ކައުންސިލުގެ ނާއިބް ރައީސްކަން ވެސް ކުރައްވާ ޢަލީ ޝަމީމް ވިދާޅުވިއެވެ.
ޢަލީގެ މަރާމެދު ސުވާލު އުފެދޭ އަނެއްކަަމަކީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ޒަހަމްތަކުން ކަމަށާ، އެގޮތުން ކަނާތްފަރާތު ކޯތާފަތްމަތި ދުޅަވެފައިވާކަމަށެވެ. ނަމަވެސް އެރޭ ޢަލީއާއެކު އެންމެފަހުން އުޅުނު އެކުވެރިޔާ އާއިލާއަށް ކިޔައިދިން ގޮތުގައި ޢަލީ ގެއަށްދިޔައިރު އެފަދަ އެއްވެސް ނިޝާނެއް ޢަލީގެ މޫނުމަތިން ފެންނަން ނެތްކަމަށް އަލީ ޝަމީމް ވިދާޅުވިއެވެ.
އޭނާ ބުނީ މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ހއ.ބާރަށު ޢަލީ މަހައްމަދުގެ ދައްތަވެސް ވަނީ ހަމަ އެދުވަހު މަރުވެފައެވެ.
ޢަލީ މުހައްމަދުގެ އާއިލާއިން ފުލުހުންނަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ފުލުހުން މިހާތަނަށް ބެލިބެލުމުން އަލީ މުހައްމަދު މަރުވެފައިވަނީ ގުދުރަތީ މަރަކުންކަމަށް ބެލެވިފައިވާކަމަށެވެ.