ޚަބަރު

މިނިސްޓަރ އާޠިފާ، ކުޅުދުއްފުށީ ހައުސިން ޔުނިޓްތަކުގެ ޙާލަތު ބައްލަވާލައްވައިފި


ކުޅުދުއްފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ ހައުސިންގ ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އާމިނަތު އާޠިފާ އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ހދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު އާޠިފާ ކުޅުދުއްފުއްޓަށް ވަޑައިގަތީ އިއްޔެ މެންދުރުއެވެ. މިނިސްޓަރު އާޠިފާވަނީ ކުޅުދުއްފުށީގެ ތިން ސަރަހައްދުގައި ހުރި ހައުސިންގ ޔުނިޓްތަކަށް ޒިޔާރާތްކުރައްވާފައެވެ. އެގޮތުން ކަނބޯރަނި ހިޔާއާއި މާފަލު ހިޔާއާއި ވެލިގަނޑު ސަރަހައްދުގައި ހަދަން ފަށާފައިވާ ހައުންސިންގ ޔުނިޓުތައް ހިމެނެއެވެ.

އެތަންތަނުގެ ޙާލަތު ބެއްލެވުމަށްފަހު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ފަށައި ނުނިމި ހުރި ހައުންސިންގ ޔުނިޓްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާތިފާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންއޮވެ އެތަނުގައި ގެއެއް ނޭޅިފައި ތިބި މީހުންނަށް ގެއެޅުމަށް މަގުފަހިކުރުމުގެގޮތުން، ލޯނުސްކީމެއް ތަޢާރަފުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މިދަތުރުފުޅުގައި އާޠިފާވަނީ ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރާއި ހަނިމާދޫގެ ހައުސިންގ ޔުނިޓްތަކުގެ ޙާލަތުވެސްވަނީ ބައްލަވާލައްވާފައެވެ.