ޚަބަރު

މާފަރު އެއަރޕޯޓް ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ


މާފަރު އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ހަދަންޖެހޭ، ތިމާވެއްޓަށް ގެއްލުންވާ މިންވަރު ދެނެގަންނަ ރިޕޯޓްގެ މަސައްކަތް ނިމިފައިވާކަމަށާ، ވަރަށް އަވަހަށް ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވައިގެ ދަތުރުފަތުރުގެ ނިޒާމުގެތެރެއިން ރާއްޖޭގެ ރަށްތައް ގުޅާލުމަށް މިހާރުވެސް ރާއެޖޭގެ 7 ރަށެއްގައި އެއަރޕޯޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއަރޕޯޓް މަޝްރުޢުތަކުގެ ތެރެއިން ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރަނީ ނ.މާފަރު އެއަރޕޯޓެވެ. އެއަރޕޯޓް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. މާފަރު އެއަރފޯޓަށް ނަން ދީފައިވަނީ "މާފަރު އިންޓަރނޭޝަން އެއަރޕޯޓް" ގޮތުގައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ކުރާތާ 2އަހަރެއްހައި ދުވަސް ވެފައިވާއިރު މިހާރުވަނީ ރަންވޭއާއި ޓަރމިނަލްގެ މަސައްކަތްވެސް ނިމިފައެވެ. އަދި އަންނަ ސެޕްޓެމްބަރުމަހު އެއަރޕޯޓް ހުޅުވުމަށްދަނީ ތައްޔާރުވަމުންނެވެ.

މާފަރު އެއަރޕޯޓު ހަދާފައިވަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއެކުއެވެ. މިހާރު ހަދާފައިވާ ރަންވޭއަށް އޭ.320ގެ މަތިންދާ ބޯޓުތައް ޖެއްސޭނެއެވެ. މާފަރު އެއަރޕޯޓަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ އެއަރޕޯޓަކަށް ހެދުމުގެ މަސައްކަތަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރަންވޭ ބޮޑުކުރުމަށް ބޭނުންވާ މަޝްވަރާތައް މިހާރު ނިންމައި ގޮތެއް ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ވިދާޅުވިއެވެ.

"ރަންވޭ ބޮޑުކުރުމަށްވަނީ ނިންމާފައި. ވީހާވެސް އަވަހަށް މަސައްކަތް ފަށާނަން. މިހާރު އީއައި ހަދާ ނިމިފައިވަނީ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓަކީ އަބޫދާބީ ފަންޑުގ ހިލޭ އެހީގެދަށުން ހަދާ އެއަރޕޯޓެކެވެ. އެގޮތުން މަސައްކަތ ގޮސްފައިވާ ހިސާބަށް ބަލާއިރު އެންމެ އަވަހަށް ޢާއްމު ދަތުރުތައް ފެށުމަށް ހަދަންޖެހިފައިވަނީ ހދ.ކުޅުދުއްފުޓާއި ށ.ފުނަދުއަށެވެ. މި ދެރަށުގެ އެއަރޕޯޓް ރަންވޭއާއި ޓަރމިނަލްގެ މަސައްކަތްތައްވެސް ވަނީ އެއްކޮށް ނިމި ދަތުރުތައް ފެށުމަށް ތައްޔާރުވެފައެވެ.

އެގޮތުން ކުޅުދުއްފުއްޓަށް ފުރަތަމަ ޝެޑިއުލް ދަތުރުތައް ފަށާނީ އީދާ ދިމާކޮށެވެ. އަދި ށ.ފުނަދުއަށްވެސް އީދު ތެރޭގައި ގަތުރުތައް ފަށަނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާވަނީ ވިދާޅުވެފައެވެ.

"މާފަރު އެއަރޕޯޓަށް ސެޕްޓެމްބަރުގައި ދަތުރުތައް ފަށާނެ. މާވަރުލާއި މަޑިވަރު އެއަރޕޯޓް މިއަހަރު ނިންމާ ދަތުރުތައް ފަށާނަން. އަދި ފަރެސްމާތޮޑާއާއި ހޯރަފުށީގައި އަޅާ އެއަރޕޯތްގެ މަސައްކަތް ނިންމައި ހުޅުވާނީ އަންނަ އަހަރު." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ އެންމެ އަވަހަށް ހުޅުވާ އެއަރޕޯޓްތަކަށް މީހުން ހޯދުމާއި، ތަމްރީން ދިނުމުގެ މަސައްކަތްތަކެވެ. ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ރަނަގަޅު ކުރުމުގެ ގޮތުން ދާދިފަހުން ސަރުކާރުންވަނީ ވައިގެ ދަތުރުފަތުރުގެ އަގުވެސް ހެޔޮކޮށްފައެވެ.