ކުޅިވަރު

ހިރަފުސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްކައި ހޯދައިފި


ޕެންޓަގްރާމް ހިރަފުސް ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްކައި ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޮޅިވަރަންފަރުގެ ލައިކަންސްއާ ބައްދަލުކޮށް ސްކައި މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ކުރީކޮޅު ސްކައި ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އަބްދުއްރަޝީދު އެވެ.މި ދެ ލަނޑާއެކު ލައިކަންސްގެ ޓީމު ކުރިއަށް ޖެހި ސްކައި ކޮޅަށް ނުރައްކާ ކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތްވަނީނުވެފަ އެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ ތެރެއަށް ލައިކަންސް ވަންނަން ކުރި މަސައްކަތުން 69 ވަނަ މިނެޓުގައި މުހައްމަދު ރިޔާޒް ލަނޑު ޖަހާ ވަނީ ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ސްކައިގެ ހުސެއިން އަބްދުއްރަޝީދު ގޯލެއް ޖަހައި މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ލަނޑާއެކު މެޗު ކޮންޓްރޯލްކޮށް ކުޅެމުންދިޔަ ސްކައިގެ ކެޕްޓަން ފަރުހަތު މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް 4-1 ގެ ބޮޑު ލީޑެއް ނަގައިދީފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން އަބްދުއްރަޝީދު ވަނީ މެޗުގެ 80 ވަނަ މިނެޓުގައި އޭނާގެ 4 ވަނަ ލަނޑު ސްކައިއަށް ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ލައިކަންސްގެ މުހައްމަދު ރިޔާޒު ޖެހި ލަނޑާއެކު މެޗު ނިމިގެން ދިޔައީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަނިމާދޫ ސާއްބަ އަދި ނޮޅިވަރަމްގެ ކްލަބު ތިލަދުންމަތި ބައްދަލު ކުރާނެ އެވެ.