އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި،ޖީ)ގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން ބޭނުންވާކަމަށް ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ ބުނެފިއެވެ.
ހުކުރު ދުވަހު މޮރީޝަސްގައި ފެށުމަށް ހަމަޖެހިފައިވާ ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ފުރުމުގެ ކުރިން ޕީ.އެސް.އެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން، އެންމެ ފަހުގެ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދި ދީމާ ބުނީ، މި ފަހަރުގެ އައި.އޯ.އައި.ޖީގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން ވަރަށް ބޭނުންވާކަމަށާއި، މިކަން ޙާސިލުކުރުމަށް އައި.އޯ.އައި.ޖީގައި ވަރަށް މަސައްކަތް ކުރާނެކަމަށެވެ.
އައި.އޯ.އައި.ޖީއަށް ވި ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ދީމާ ބުނީ، މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ޗައިނާގެ ނަންޖިންގައި، އެ ޤައުމުގެ ޤައުމީ ޓީމުގެ ކުޅުންތެރިއެއްގެ ބެލުމުގެ ދަށުން ޕްރައިވެޓް ތަމްރީންތަކެއް ފުރިހަމަކުރިކަމަށެވެ. އަދި ދީމާ ވަނީ، އިންޑިއާގެ އެއް ވަނަ އެކަޑަމީ ކަމަށްވާ ހަރްޔާނާގެ ޕިނެކަލް އެކަޑަމީގައިވެސް ޤައުމީ ޓީޓީ ޓިމާއެކު ތަމްރީންތައް ފުރިހަމަކޮށްފައެވެ.
"ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން ވަރަށް ބޭނުން. މިކަން ކާމިޔާބުކުރުމަށް ވަރަށް މަސައްކަތް ކުރާނަން އައި.އޯ.އައި.ޖީގައި. މި ފަހަރުގެ އައި.އޯ.އައި.ޖީއަށް ތައްޔާރުވާން ދީމާ ޗައިނާ އަދި އިންޑިއާގައިވެސް ޓްރެއިނިން ފުރިހަމަކުރިން. އުއްމީދުކުރަން ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް." ދީމާ ބުންޏެވެ.
ޢުމުރުން ފަނަރަ އަހަރުގެ ދީމާ ވަނީ، އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިން ރިހި މެޑަލް ހޯދައި، ޓީޓީން ރާއްޖެއަށް އޭޝިއާގެ މުބާރާތަކުން މެޑެއްޔެއް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. އަދި މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ހަރްޔާނާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަންވެސް ދީމާ ވަނީ ހޯދާފައެވެ.