ވިޔަފާރި

އެފްއެސްއެމްއިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަނެއް ހުޅުވައިފި


އޮޑި ދޯނިފަހަރާއި ލޯންޗުތަކާއި އެހެނިހެން ކަނޑު އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަނެއް ހުޅުވައިފިއެވެ.

ހުޅުމާލޭ އީޒީ ފިއުލް 3 ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕަމްޕް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޤަސަމްއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕަމްޕް ސްޓޭޝަން ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ އީޒީ ފިއުލް 3 އާ ދިމާލުން ޖެޓީ ކައިރީގައެވެ.

ހުޅުމާލޭ ޕަމްޕް ސްޓޭޝަނަކީ ކަނޑު އުޅަނދުތަކަށް މާލޭގައި ތެލުގެ ޚިދުމަތްދެމުންގެންދާ ޕަމްޕް ސްޓޭޝަންއަށް ލޯޑު ބޮޑުވުމާއި ގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަކުރުމަށްޓަކައި ޤާއިމްކޮށްފައިވާ ސްޓޭޝަނެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އެފެއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގގެ ޖެނަރަލް މެނޭޖަރ މުހައްމަދު ސަޢީދު ވިދާޅުވީ މާލޭގައި ތަރައްޤީކޮށްފައިވާ ޕަމްޕް ސްޓޭޝަނަކީ އާންމުގޮތެއްގައިވެސް ވަރަށް ލޯޑު ބޮޑު ސްޓޭޝަނެއްކަމުން ދޯނިފަހަރާއި ލޯންޗުފަހަރަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަވާކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޕަމްޕް ސްޓޭޝަންއާއެކު މި މައްސަލަ ހައްލުވެގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

"މާލޭގެ ޓީޖެޓީއަކީ ވަރަށް ކޮންޖެސްޓެޑް ތަނެއް. ބައުޒަރެއް ބާއްވައިގެން އަޅުގަނޑުމެން މިހާރު ޚިދުމަތް ދެމުންގެންދަނީ ދޯނިފަހަރުތަކާއި ލޯންޗުފަހަރުތަކަށް. އޭގެ ބަދަލުގައި ހުޅުމާލޭގައި ހުޅުވާފައިވާ ޕަމްޕް މެދުވެރިކޮށް ސީދާ އެތަނުން ދޯނިތަކާއި ލޯންޗުފަހަރުތަކަށް ޚިދުމަތްދެވޭނެ." މުހައްމަދު ސަޢީދު ވިދާޅުވިއެވެ.

އެފްއެސްއެމްއިން ބުނީ ހުޅުމާލޭގައި ހުޅުވާފައިވާ ޕަމްޕް ސްޓޭޝަންއާއިއެކު މާލޭގެ ޕަމްޕް ސްޓޭޝަނުން ވެސް އާންމުންނަށް ޚިދުމަތް ދެމުންގެންދާނެކަމަށެވެ. އަދި އަލަށް ހުޅުވި ސްޓޭޝަންއާއިއެކު އެފްއެސްއެމުން ދޯނި ފަހަރުތަކަށް ދޭ ތެލުގެ ޚިދުމަތް ރަނގަޅުވެގެންދާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެފްއެސްއެމްއިން ބުނީ އަލަށް ހުޅުވި ޕަމްޕް ސްޓޭޝަނުގެ ސްޓޯރޭޖް ކުޑަވުމުގެ ސަބަބުން އެޗްޑީސީއާއި ވާހަކަދައްކައިގެން އިތުރު ސްޓޯރޭޖެއް ޕަމްޕް ސްޓޭޝަންގެ ކައިރީގައި ބެހެއްޓުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

އެފްއެސްއެމްއިން ކަނޑު އުޅަނދުތަކަށް ތެލުގެ ޚިދުމަތް ދެމުން ގެންދަނީ ޓީ-ޖެޓިންނެވެ. އެފްއެސްއެމް އިން ބުނީ ކުރިއަށްއޮތް ތަނުގައި ވެސް އިތުރު ސްޓޭޝަންތައް ހެދުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާކަމަށެވެ.