ދުނިޔެ

އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ


އުތުރު ކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ އެޤައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެއެވެ.ކެރީ މިހެން ވިދާޅުވީ މިހާރު ދެކުނު  ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެރިރަށް ސޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.ކެރީ ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި އުތުރުކޮރެއާއިން އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫންކަމަށާއި މިމައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ވިސްނުމެއްގައިވެސް ނޫންކަމަށެވެ. މީގެ އިތުރުން ކެރީ ވިދާޅުވީ އެމެރިކާއިން އޮތީ އަދިވެސް މިމައްސަލައިގައި ދެކުނު ކޮރެއާއާއެކު މަޝްވަރާކުރަން ތައްޔާރަށް ކަމަށެވެ. އަދި ހެޔޮ ނިޔަތުގައި އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްވެއްޖެނަމަ، އެމެރިކާއިން އުތުރު ކޮރެއާއާއެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމަށްވެސް ކެރީ ވިދާޅުވިއެވެ.ކެރީ ވިދާޅުވީ އުތުރު ކޮރެއާއިން ދަނީ އެމެރިކާއާއި ބައިނަލްއަޤްވާމީ ޤައުމުތަކުގެ ވާހަކަތަކަށް ބޯނުލަނބާ ނިއުކްލިއަރ މަސައްކަތްތަކާއިގެން ކުރިއަށް ކަމަށާއި، ނިއުކްލިއަރ އުފެއްދުންތައް އުފައްދާ އަވަށްޓެރި ޤައުމުތަކަށް އިންޒާރު ދެމުންދާކަންވެސް ކެރީ ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފްވަމުންދާކަމަށާއި އެޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރަމުން ނުދާކަންވެސް ކެރީ ފާހަގަކުރެއްވިއެވެ.މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކެރީ ވަނީ އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުންދާނަމަ އުތުރު ކޮރެއާގެ މައްސަލަ ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ހުށައަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.އެމެރިކާއިން މިހާރުވެސްވަނީ ނިއުކްލިއަރ މިސައިލްތައް ޓެސްޓްކުރި މައްސަލައިގައި އުތުރު ކޮރެއާއަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އަޅާފައެވެ.އުތުރު ކޮރެއާއާ އަވަށްޓެރި ދެކުނު ކޮރެއާއަކީ 1950ން 1953 އަށް ހިނގި ހަމަނުޖެހުންތަކަށް ފަހު އަދިވެސް ދެ ހަތުރުންގެ ގޮތުގައި އޮތް ދެޤައުމެވެ.މިހާރުވެސް ދޭތެރެ ދޭތެރެއިން މި ދެޤައުމުގެ ދެމެދުގައި ކޯޅުންތައް ހިނގައެވެ.