ސިޔާސީ

ރައީސް ޔާމީނާއި އާޒިމާ ކޯޓަށް ޙާޒިރުކުރަނީ ލިޔެކިޔުންތައް ހަވާލުކުރަން


ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެންގީ އިދާރީކަމެއްގައިކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޔާމީން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޔާމީނަށް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު 11:30 އަށެވެ. އަދި އާޒިމާ ކޯޓަށް ޙާޒިރުވުމަށް އަންގާފައިވަނީ ހެނދުނު 09:30 އަށެވެ.

ޔާމީން ކޯޓަށް ހާޒިރު ކުރަނީ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑެރިން މައްސަލަ އާއި ގުޅިގެންނެވެ. އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލާގައި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ބުނީ ދެ މައްސަލާގައިވެސް މިއަދު އޮތީ ޝަރީއަތުގެ އަޑުއެހުމެއް ނޫންކަމަށާއި ޙާޒިރުކުރަނީ އިދާރީ ކަމެއްގައިކަމަށެވެ. ކޯޓުން މިއަދު ވަނީ ދައު ވާއާއި ގުޅޭ ލިޔެކިއުންތައް އާޒިމާއާއި ހަވާލުކޮށްފައެވެ. އޭނާގެ ފަރާތުން އެ ލިޔުންތަކާއި ހަވާލުވީ އާޒިމާގެ ބޭބެ ޢަލީ އާމިރުއެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެ ކޯޓުން ކުރި އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. މި މައްސަލަތައް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހު ވަނީ ބާއްވާފައެވެ. އެދުވަހުގެ ބައްދަލުވުމުގައި ޕީޖީން ވަނީ ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދިފައެވެ.

މަނީ ލޯންޑް ކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެ މައްސަލާގައިވެސް ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.