ޚަބަރު

އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް މަޝްވަރާކޮށްފި


ރާއްޖެއާއި އިންޑިއާއި ދެމެދު އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ދެޤައުމުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރީ ރަޖްނަތު ސިންގްހާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވެވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

ޝަމާލް ވަނީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒް އޮފް ޑިފެންސް ސްޓާފް، ސައުތް ބުލޮކަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރާތުގައި އެ ހެޑްކްއޯޓަރޒްއިން، ޗީފް އޮފް ޑިފެންސް ފޯސް އަށް ވަނީ އޮނަރ ގާރޑެއް އަރުވައި ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މީގެ އިތުރުން ދިއްލީގައި ހުއްނަ ވޯރ މެމޯރިއަލްއަށް ޒިޔާރާތްކުރައްވާ، އެތަނުގައި ގާއިމްކޮށްފައިވާ ޝަހީދުންގެ ބިނާއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރއެއް ދެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.