ޚަބަރު

ސްޓިކާގެ މައްސަލައަށް ލުއިގޮތެއް ހޯދައިދޭނަން - ރައީސް


ޤަވާއިދާއި ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލަ ސީރިއަސް މައްސަލެއްގޮތުގައި ބައްލަވާ އެކަމަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ ތޮއްޖެހުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. ޕާކްކުރާނެ އެކަށީގެންވާ ތަންތަން ހަމަޖައްސާ ނުދީ ސްޓިކާ ނުޖަހާނެކަމަށް ރިޔާސީ އިންތިޚާބު ކެމްޕެއިންގައި ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު އުޅަނދުތަކުގައި ސްޓިކާޖެހުން ހުއްޓާވެސްލިއެވެ. އެހެންނަމަވެސް އުޅަނދުތައް ދުއްވާ ފަރާތްތަކުން އެއްވެސް ހަމައެއް ލަމައެއްނެތި ޤަވައިދާ ހިލާފަށް ޕާކުރުން އިތުރުވެ ހިނގާބިނގާވާ މީހުންނާއި ދަތުރުފަތުރުކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވާން ފެށުމުން އަނެއްކާވެސް ވަނީ ސްޓިކާ ޖަހަން ފަށާފައެވެ.

ޤަވައިދާ ހިލާފަށް ޕާކުކޮށްގެން ޖަހާ ސްޓިކާގެ އަދަދު އިތުރުވަމުން އަންނަކަން ހަފްތާއަކު އެއްފަހަރު ފުލުހުން އާއްމުކުރާ ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް 1350 އުޅަނދުގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީ އޭގެ ކުރީގެ ހަފްތާ އާއި އަޅާ ބަލާއިރު 350 ސްޓިކާ އިތުރު އަދަދެކެވެ.

ޤަވައިދާ ހިލާފަށް ޕާކުކުރާ އުޅނދު ފަހަރު ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރު އެ އަދަދު 500 ރުފިޔާއަށް އިތުރުވެއެވެ. އަދު އޭގެ ފަހުން ޖަހާ ކޮންމެ ފަހަރަކަށް 750 ރުފިޔާ ނަގައެވެ.



އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މާލޭއަސް ދިމާވެފއިވާ ޕާކިން މައްސަލަތަކަށް ކޮންމެސްވަރެއްގެ ހައްލެއް މިހާރު ހޯދާދެވިފައިވާކަމަށާއި އަދިވެސް މާލޭގައި ޕާކްކުރުމަށް ދަތިތަކެއް އެބަހުރިކަމަށެވެ. ޤަވާއިދާއި ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ބައްލަވާ އަނެއްކާވެސް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މަޝްވަރާކޮށް ލުއިގޮތެއް ހޯއްދަވާދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

" ކޮންމެވެސް ވަރަކަށް ޕާކިން ސްޕޭސް މިހާރު މާލޭގައި އަޅުގަނޑުމެންނަށް ދެވިއްޖެ. އަދިވެސް މާލޭގަ ޕާކުކުރަން މައްސަލަތަކެއް އެބަހުރި. ނަމަވެސް ސްޓިކާ ތިޖަހާ މައްސަލަ އަޅުގަނޑު ސީރިއަސްކޮށް ބަލާނަން. ރައްޔިތުންނަށް ރައްޔިތުންނަށް އުނދަގޫތަކެއް އުޅޭނަމަ ލުއިގޮތެއް ހޯއްދަވާދެއްވުމަށް އަޅުގަނޑު މަސައްކަތްކުރާނަން." ރައީސުލްޖުމްހޫރިއްޔ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަތަކާއި އުޅަނދުތައް އިތުރުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލޭގައި ބޭނުންނުކޮށް ގިނަދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި ބިންތައް ތަރައްޤީކޮށް އުޅަނދުތައް ޕާކުރުމަށް ޕާކިން ޒޯންތަކެއް ސިޓީ ކައުންސިލުން ވަނީ ހަދަން ފަށާފައެވެ. ބައެއް ޕާކިން ޒޯންތައް ތަރައްޤީކޮށް ހުޅުވާފައިވާއިރު ޕާކިންގ ޒޯންތަކެއް ހެދުމަށް މާލެއިން 10 ބިމެއް ފާހަގަކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.