ތަރައްްޤީ

އައު ޓަރމިނަލްގެ މަސައްކަތް މިމަހު 27 ގައި ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލްގެ ޢަމަލީ މަސައްކަތް މިމަހުގެ 27 ގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙު ވިދާޅުވީ، އައު ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތުގެ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސް އަލުން އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 27 ގައި ފެށިގެންދާނެކަމަށާއި މި މަސައްކަތަށް 30 މަސް ހޭދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އައު ޓަރމިނަލްގެ މަސައްކަތް އެކޮށް ނިންމާ، އެތަން ބޭނުންކުރަން ފެށޭވަރު ވާނީ 2022 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން އެކަމުގެ އެއްބަސްވުމުގައި މިހާރު މިވަނީ ސޮއިކޮށްފައި. ޕެސެންޖަރ ޓަރމިނަލް ބިލްޑިންގެ މަސައްކަތް މި ޖުލައި 27 ގައި ފެށިގެންދާނެ. މުޅި މި މަޝްރޫއަށް 30 މަސް ދުވަސް ހޭދަވާނެކަމަށް ބެލެވޭ. އަދި ލަފާކުރެވެނީ 2022 އަހަރުގެ މެދުތެރޭގައި އެތަން ނިންމާ ބޭނުންކުރެވޭނެކަމަށް.." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، ސަޢުދީގެ ބިންލާދީން ގްރޫޕާއި އަލުން އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމް.އޭ.ސީ.އެލުން ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢުދީ ބިންލާދިން ގްރޫޕާއި އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ މަސައްކަތް މިއަދާ ހަމައަށްވެސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357( ތިން ސަތޭކަ ފަންސާސް ހަތް) މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ޓަރމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލުތަކާއެކު އެތަން ވެގެންދާނީ ދިވެހިންގެ މުއްސަނދި ސަޤާފަތާއި އާދަކާދަތައް ދައްކުވައިދޭ ތަނަކަށްކަމަށް ސަރުކާރުން ބުނެއެވެ.

މި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ސީ ޕްލޭން ޓަރމިނަލް ބިޑް ކުރުމަކާ ނުލާ ޓީ.އެމް.އޭއަށް ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ.