ވިޔަފާރި

އޭޝިއާގެ ހަރުދަނާ އިޤްތިސާދަކަށް ސަރުކާރުން ރާއްޖެ ހަދާނެ- ސައީދު


ރާއްޖެއަކީ އޭޝިޔާގެ
ހަރުދަނާ އިޤްތިސާދަކަށް ސަރުކާރުން ހަދައި ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ
މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.



މިނިސްޓަރ ސައީދު
މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ޤާއިމްކުރި ބިޒްނަސް ޑިވެލޮޕްމެންޓް ސާވިސް
ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފެއްޓެވުމަށް ކުޅުދުއްފުށީގައި ބޭއްވި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.



އިއްޔެ ހަވީރު
ކުޅުދުއްފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ
ސައީދު ވިދާޅުވީ ރާއްޖެއަކީ ސުލްހަ މަސަލަސްކަން އޮތް އިޤްތިސާދީ ގޮތުން
ކުރިއަރާފައި ވާ ޤައުމަކަށް ހަދައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ސާބިތުކޮށް
ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އިޤްތިސާދީ މަސައްކަތްތަކުގައި ކޮންމެ
ދުވަހަކުވެސް ސަރުކާރުން ގެންދަވަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށް މިނިސްޓަރ
ސައީދު ވިދާޅުވިއެވެ. މިނިސްޓްރީގެ ދަށުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި
ޤާއިމްކުރާ ބިޒްނަސް ޑިވެލޮޕްމެންޓް ސާވިސް ސެންޓަރ ތަކާއި ގުޅޭގޮތުން ވާހަކަފުޅު
ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ ސެންޓަރު ތަކެއްގެ އެންމެ ބޮޑު ބޭނުމަކީ
އަލަށް ވިޔަފާރިތަކަށް މީހުން ވެއްދުމާއި ރާއްޖޭގެ ކުދި ވިޔަފާރިތަށް ތަރައްޤީ
ކުރެވޭނެ މަގުތަށް ފަހި ކުރުމުގެ އިތުރުން އެފަދަ ވިޔަފާރިތަކަށް މާކެޓްހޯދައި ދިނުން
ކަމަށެވެ.



ހދ.
ކުޅުދުއްފުށީގައި މިއަދު ރަސްމީކޮށް އިފްތިތާހު ކުރި ބިޒްނަސް ޑިވެލޮޕްމެންޓް
ސާވިސް ސެންޓަރުން މިހާތަނަށް ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެން ވިޔަފާރި
ފަށަން ބޭނުން ވާ ފަރާތްތަކަށާއި އަދި ވިޔަފާރި ޕްލޭންތައް ތައްޔާރު ކުރުމުގެ
ދާއިރާއިން ތަމްރީން ތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ތިން އަތޮޅެއްގެ
ފަންސަވީސް ރަށަކުން ފައްސަތޭކަ ތިރީސް ފަރާތަކަށް ވިޔަފާރި ފެށުމާއި ގުޅޭ
ތަމްރީން ތަށް ދެވިފައި ވާކަމަށް އެސެންޓަރުން މަޢުލޫމާތު ދެއެވެ. 

މީގެ އިތުރުން
ސްކޫލް ކުދިންނަށް އަމާޒުކޮށްގެންވެސް ވިޔަފާރި ފެށުމާއި ރާއްޖޭގައި ހުރި
ވިޔަފާރީގެ ފުރުސަތު ތަކާއި ގުޅޭގޮތުން ތަމްރީން ޕްރޮގްރާމް ތައް އެސެންޓަރުން
ވަނީ ހިންގާފައެވެ. އިކޮނޮމިކް މިނިސްޓަރ ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި
ދަތުރުފުޅު ގައި ހދ. އަތޮޅު ކައުންސިލުގެ އިތުރުން ކުޅުދުއްފުށީ ރަށުކައުންސިލާއި
ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުން ތަކުގައި މިނިސްޓްރީގެ
ދާއިރާއިން އެކައުންސިލްތަކާއި ގުޅޭ އެކި އެކި ކަންކަން މަޝްވަރާ ކޮށްފައި ވެއެވެ.