ފޯކައިދޫ ފެންވަރުގެ ޓީމެއް ކުޅެންޖެހޭނީ މިނިވަން ޗެމްޕިއަންޝިޕުގައި ނޫންކަމަށް އެ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.
ނިޝްތާރު މިހެން ބުނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވިޔަނުދީ ހިފާއްޓާލި މެޗަށްފަހު ވާހަކަދައްކަމުންނެވެ. ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ނިޝްތާރު ބުނީ ކުޅުންތެރިންގެ ހިތްވަރުން މި ނެރެވުނު ނަތީޖާއިން ދޭހަވަނީ ފޯކައިދޫއަކީ މިނިވަން ޗެމްޕިއަންޝިޕް ކުޅެންޖެހޭ ފެންވަރުގެ ޓީމެއް ނޫންކަންކަމަށެވެ.
އަދި ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާ މޮޅުވިޔަނުދީ ހިފާއްޓާލެވުނީ ރަނގަޅަށް ޑިފެންސްކޮށް ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް މެޗުގައި ދިނުމުންކަމަށާއި ފަހު ވަގުތު މޮޅުވާން ފުރުޞަތު ލިބި، އެކަން ނުވިނަމަވެސް އެއްވެސް ޝަކުވާއެއް ނެތްކަމަށް އޭނާ ބުންޏެވެ. ނިޝްތާރު ބުނީ މި ނަތީޖާގެ ސަބުބުން ލީގުގެ ތެރެއަށް ވަންނަން އިތުރު ހިތްވަރެއް ލިބިގެން ގޮސްފިކަމަށެވެ.
"މެޗުގައި ކުޅުންތެރިން ދެއްކީ އެ ކުޅުންތެރިންގެ ސަތޭކަ ޕަސެންޓްހަމަ. މާޒިޔާ މޮޅުވިޔަ ނުދީ ހިފާއްޓާލެވުނީ މި ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން. މިހާރު އިނގޭނެ ކަންނޭގެ ފޯކައިދޫއަކީ މިނިވަން ޗެމްޕިއަންޝިިޕް ކުޅެން ޖެހޭ ފެންވަރުގެ ޓީމެއް ނޫންކަން،'' ނިޝްތާރު ބުންޏެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޯސްކީ ބުނީ މި ނަތީޖާއަކީ އޭނާ އުއްމީދުކުރި ނަތީޖާއެއް ނޫންކަމަށާއި ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް މެޗުން މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާކަމަށެވެ. ސެކުލޮސްކީ ބުނީ މި މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށާއި ފޯކައިދޫ ޓީމުން މެޗުގައި ވަރަށް ރަނގަޅަށް ޑިފެންސްކޮށް ކައުންޓަރ އެޓޭކްތަކުގައި ޙަމަލާ އުފެއްދިކަމަށެވެ.