މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފިއެވެ.
މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ މި ސަރވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށާފައިވަނީ ރާއްޖޭގައި ހުރި އެންމެ އާސާރީ ޤަބުރުސްތާނު ކަމުގައިވާ އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ކަމަށެވެ.
އަދި މި ސަރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތައް ކިތާބުކުރުމަށް ނިންމާފައިވާ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތައް ސަރވޭ ޓީމުން އައްޑޫ ސިޓީގައި ހަތަރުވަރަކަށް މަސް ހޭދަކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތްފެށި އައްޑޫ ސިޓީ ކޯގަންނުގައި ހިމެނެނީ އާސާރީ ތަރިކައިގެ ތިން ބައެކެވެ. އެއީ ކޯގަންނު ގަބުރުސްތާނާއި ކޯގަންނު މެދު ޒިޔާރާތުގެ އިތުރުން ކޯގަންނު މިސްކިތެވެ. އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި އޮތް އެންމެ ތާރީޙީ އާސާރީ އަދި އެންމެ ގަދީމީ ގަބުރުސްތާނެވެ.
މޯލްޑީވްސް ހެރިޓޭޖް ސަރވޭ އަކީ ރާއްޖޭގެ އިދާރީ 8 އަތޮޅެއްގައި ހުރި އާސާރީ ތަރިކައާއި ގުޅޭ މައުލޫމާތު އެއްކޮށް ކިތާބު ކުރުމަށް ގެންދާ މަޝްރޫއެކެވެ. މި ސަރވޭގެ ތެރެއިން މި 8 އަތޮޅުގައި ހުރި އާސާރީ މިސްކިތްތަކާއި މަހާނަ ތަކާއި ހަވިއްތަފަދަ ތަންތަނާއި އަދި އެހެނިހެން ތާރީޚީ ބިނާތަކާއި ތަކެއްޗާއި ބެހޭ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެ އަހަރުދުވަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސަރވޭގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.