ޚަބަރު

އެމްއެމްއައިގެ "އެޕްރިސިއޭޝަން އޮފް އިންޑިއަން މިއުޒިކް" ވިތް އަނޫޖާ ވޯކްޝޮޕް މާދަމާ ފަށަނީ


މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓް (އެމްއެމްއައ)އިން ކުރިއަށްގެންދާ މިއުޒިކް ޓްރެއިންނިން ވޯކްޝޮޕް އޮން "އެޕްރިސިއޭޝަން އޮފް އިންޑިއަން މިއުޒިކް" ވިތް އަނޫޖާ ކާމަތް މިއުޒިކް ވޯކްޝޮޕް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

ޔޫޓިއުބުން މަޝްހޫރުވެފައިވާ ޒުވާން އަންހެން ފަންނާނެއްކަމަށްވާ އަނޫޖާ ކާމަތްގެ މި ވޯކްޝޮޕަކީ ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް މިއަދު އަނޫޖާ ރާއްޖެ އައިސްފައިވާއިރު މި ވޯކްޝޮޕާމެދު އޭނާ ކުރާ އުންމީދުތައްވެސް ބޮޑެވެ.

ޕީއެސްއެން ނިއުސްއާ ވާހަކަ ދައްކަމުން އޭނާ ބުނީ މިފުރުސަތަކީ މިއުޒިކަށް ލޯބިކުރާ އެންމެނަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ސެޝަންތައް ކުރިއަށްދާނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި އެންމެންވެސް ބައިވެރިވުމަށް އޭނާވަނީ އެދިފައެވެ.

މި ކޯހަކީ އެމްއެމްއައި އާއި އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން ބައިވެރިވެގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. އެމްއެމްއައި އިން ބުނީ މި ކޯހުގައި އިންޑިއާގެ މިއުޒިކް އަކީ ކޮބާކަމާއި އިންޑިއަން ވޯކަލްސްގެ މަޢުލޫމާތު ލިބިގެން ދާނެކަމަށެވެ. އަދި މި ނޫންވެސް މިއުޒިކާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް މި ވޯކްޝޮޕުން ލިބިގެންދާނެ ކަމަށްވެސް އެމްއެމްއައިއިން ބުނެއެވެ. މިކޯސް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހާއި 30 ވަނަ ދުވަހެވެ. ވޯކްޝޮޕް މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ ރޭގަނޑުކަމަށް އެމްއެމްއައި އިން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން، މާދަމާ ހެނދުނު 7:00 އަށް ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިނގަށް ދިއުމުން ވަގުތުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށް އެމްއެމްއައި އިން މަޢުލޫމާތުދެއެވެ.