ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިނގިރޭސިވިލާތް ޖާގަ ހޯދައިފިއެވެ.
ސެމީ ފައިނަލަށް އިނގިރޭސިވިލާތް ދަތުރުކުރީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ނޯވޭގެ މައްޗަށް ތިނެއް ސުމަކުން ކުރި ހޯދައިގެންނެވެ. މުބާރާތުގެ ކުއާޓަރ ފައިނަލަށް އިނގިރޭސިވިލާތް ދަތުރުކުރީ ދެވަނަ ބުރުގައި ކެމަރޫން ތިނެއް ސުމަކުން ބަލިކޮށްގެންނެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން އިނގިރޭސިވިލާތް ބަލިވެފައެއް ނުވެއެވެ.
ރޭގެ މެޗުގައި އިނގިރޭސިވިލާތުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ތިންވަނަ މިނެޓުގައި ޖިލް ސްކޮޓެވެ. އަދި ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އިނގިރޭސިވިލާތުންވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު އިނގިރޭސިވިލާތަށް ކާމިޔާބުކޮށްދިނީ އެލެން ވައިޓެވެ. އިނގިރޭސިވިލާތުން ޖެހި ތިންވަނަ ލަނޑު ފަންސާސް ހަތްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލުކީ ބްރޮންޒެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އިންގިރޭސިވިލާތް ވާދަކުރަން ޖެހޭނީ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ފަރަންސޭސިވިލާތާއި އެމެރިކާއެވެ.