ބާވީސް ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.
ހަތަރު އުމުރު ފުރާއެއްގެ މެދުގައި ކުރިޔަށްދާ މި މުބާރާތުގައި މިއަހަރު އަތޮޅު ތެރޭގެ ތިން ސްކޫލަކާއެކު ސޯޅަ ސްކޫލެއް ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ބާރާ އަހަރުން ދަށުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލެވެ. ސެމީގެ ދެވަނަ މެޗުގައި ތާޖުއްދީން ސްކޫލާއި ބައްދަލުކުރާނީ ހިތަދޫ ސްކޫލެވެ.
ސޯޅަ އަހަރުން ދަށުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހިރިޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ބައްދަލުކުރާއިރު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ.
ސާދަ އަހަރުން ދަށުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހިތަދޫ ސްކޫލް ވާދަކުރާއިރު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތާޖުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލެވެ.
މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ބައިގެ ޗެމްޕިއަން ޓީމެއް ކަނޑައެޅިގެން ދާނީ މާދަމާ ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި އަހުމަދީއްޔާ އިންޓަރނޭޝަނަލް ސްކޫލް ބައްދަލުކުރާ މެޗުންނެވެ. މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައި ވަނީވެސް މި ދެ ސްކޫލް އެކަންޏެވެ.