ސިޔާސީ

އައި.ޔޫ.އެމްގެ ޤާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކައުންސިލަށް ރައީސުލްޖުމްހޫރއިްޔާ ޢައްޔަންކުރައްވާ މެންބަރުންގެ ޢަދަދު މަދުކުރުމަށް އިސްލާމީ ޔުނިވާސިޓީއާބެހޭ ޤާނޫނަށް ހުށައެޅި އިޞްލާޙު މަޖިލީހަށް ބަލއިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށައެޅުއްވި އިޞްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާޤުންނެވެ. ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައާބެހޭ ކޮމިޓީއަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި އިސްލާމީ ޔުނިވާސިޓީގެ ކައުންސިލްގައި ގިނައީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުންނެވެ. އެގޮތުން ޔުނިވާސިޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 13 މެންބަރުންގެ ތެރެއިން 9 މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންުކުރައްވާ މެންބަރުންނެވެ.

ނަމަވެސް މެމްބަރު ވަޙީދު ހުށައަޅުއްވާފައިވަނީ ކައުންސިލްގެ މެމްބަރުންގެ ޢަދަދު 13 އިން 19 އަށް އިތުރުކުރުމަށެވެ. އަދި އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާނީ ހަމައެކަނި ޔުނިވަރސިޓީގެ ޗާންސެލާކަމަށް އިޞްލާހުގައިވެއެވެ. މީގެ އިތުރުން ކައުންސިލްގައި ހިމެނޭ ޑެޕިއުޓީ ވައިސް ޗާންސެލަރާއި، އެހެނިހެން މެންބަރުން ޢައްޔަންކުރާނީ ޔުނިވާސިޓީ ކައުންސިލުންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙުގައިވާ ގޮތުން ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މަޤާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ނަމަވެސް ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ޔުނިވަސިޓީގެ މަޖިލިހުންކަމަށްވެސް އެ އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙު ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި ދާދި އެއްގޮތަށް އިސްލާމީ ޔުނިވާސިޓީވެސް ހިންގުންކަމަށްވެސް އެ އިޞްލާޙުގައިވެއެވެ.

މި އިޞްލާޙަށް ބަހުސްކުރެވި ގިނަ މެންބަރުން ވަނީ އެ އިޞްލާހަށް ތާޢީދުކުރައްވާފައެވެ. މެންބަރުން ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުން އިސްލާމީ ޢިލްމާއި ތަޢުލީމަށް އިސްކަންދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިވާސިޓީގެ ގޮފިތައް އަތޮޅުތަކުގައި ޤާއިމްކުރުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އިސްލާމީ ޔުނިވާސިޓީއާއި ޤައުމީ ޔުނިވާސިޓީ އެއްކޮށްލުމަށްވެސް ޚިޔާލު ހުށައަޅުއްވާފައެވެ.

އިސްލާމީ ޔުނިވަރސިޓީގެ ބިލަށް ހުށަހެޅި އިސްލާހުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ދިމާވެފައިވާ ދަތިތައް ޙައްލުކުމުގެ މަޤްޞަދުގައި، އެޔުނިވަރސިޓީގެ ޤާނޫނަށް ހުށައެޅި އިޞްލާޙުވެސް ވަނީ މަޖިލީހުން ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވާފައެވެ.