ކުޅިވަރު

އަންހެން ވޯލްޑް ކަޕްގެ ކުއާޓާއަށް އިންގްލެންޑްއާއި ފްރާންސް ދަތުރުކޮށްފި


އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް އިންގްލެންޑްއާއި ފްރާންސް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ރޭ ވަނީ ދެ މެޗެއް ކުޅެފަ އެވެ. އެގޮތުން އިންގްލެންޑާއި ކެމަރޫން ބައްދަލުކުރި މެޗު ތިނެއް ސުމަކުން ކާމިޔާބުކުރީ އިންގްލެންޑް އެވެ. މި މެޗުގައި އިންގްލެންޑްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.

މި ނަތީޖާއާއެކު އަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި އިންގްލެންޑް ނުކުންނަނީ ނޯވޭ އާއި ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ރޭ ބްރެޒިލް އާއި މުބާރާތް ބާއްވާ ޤައުމު ފްރާންސް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ފްރާންސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފެއް ނުވެ އެވެ. ފްރާންސްއިން މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ ފަންސާސް ދެވަނަ މިނެޓުގަ އެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ބްރެޒިލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ނުވަދިހަ މިނެޓު ހަމަވިއިރު ދެޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ފަނަރަ މިނެޓުގެ ދެ ހާފު ކުޅުނެ އެވެ. އެގޮތުން ފްރާންސް ކުއާޓަރ ފައިނަލަށް ގެންގޮސްދިން ލަނޑު އެޓީމަށް ޖަހައިދިނީ އަމަންޑައިން ހެންރީ އެވެ. މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ސްޕެއިން ނުކުންނާނީ އެމެރިކާއާއި ދެކޮޅަ ށެވެ. އަދި ސްވިޑެން ނުކުންނާނީ ކެނަޑާއާއި ދެކޮޅަށެވެ.