ޚަބަރު

ކުޅުދުއްފުށީގައި ހިންގި ޑީ-ލައިސަންސް ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި


ކުޅުދުއްފުށީގައި ހިންގި ޑީ-ލައިސަންސް ކޯސް ފުރިހަމަކުރި ފަރާތަކަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ. ތިން ދުވަހުގެ މުއްދަތަށް ހިންގި މި ކޯހަކީ ބަސީރު އެކަޑަމީ އާއި އެފްއޭއެމް ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.

މި ކޯސް ނިންމާ ސެޓްފިކެޓް ހަވާލުކުރުމަށް ރޭ ހދ ޓީއާރުސީގައި ސެންޓަރުގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ކުޅިވަރުގެ ގިނަ މުބާރާތްތަކެއް ޒުވާނުން ހިންގާ ކުރިއަރުވަމުންދާއިރު ކުޅުދުއްފުއްޓަކީ ކުޅިވަރުގެ ދާއިރާގައި ނަމޫނާ ރަށެކެވެ.

އެހެން ބައެއް ރަށްރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ހޫނުވެ މާރާމާރީ ހިންގައި މުދަލައެއް ގެއްލުންދޭތަން ފެންނަ ކަމަށާއި ނަމަވެސް ކުޅުދުއްފުށީގައި ކުޅިވަރު މުބާރާތްތަކުގައި އެފަދަ މަންޒަރުތައް ނުފެންނާތީ ޒުވާނުންނަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސްވަނީ ތައުރީފު ކުރައްވާފަ އެވެ. އަދި ބަސީރު އެކަޑަމީން އިންތިޒާމުކޮށްގެން މީހުން ބިނާކުރުމަށް މިފަދަ ޕްރޮގުރާމެއް ހިންގުމުން، އެކަޑަމީގެ ފައުންޑަރު ބަސީރު ޔޫސުފަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ކުރިން ކުލަބް ވެލެންސިޔާއަށް ކޯޗްކޮށްދިން މުހައްމަދު ޝާހިދު (ސާޑް) ބުނީ މިހޯދި ސެޓްފިކެޓްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެދޭކަމަށެވެ. ހަތަރު އަންހެން ކުދިން މި ކޯޗިން ކޯސް ފުރިހަމަ ކުރުމުން އެއީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝާހިދުވަނީ ސިފަކުރެއްވި އެވެ.

މި ކޯހުގައި 26 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާއިރު މި ކޯހުގައި ކިޔަވައިދެއްވީ ގައުމީ ޖޫނިއަރ ޓީމްތަކަށް ކޯޗްކަން ކޮށްދީފައިވާ މުހައްމަދު ޝާހިދު އާއި ހަމުދުﷲ ފެނާޑޯ އެވެ.