ޚަބަރު

ކުއްޖާ ގެއްލެން ދިމާވި ސަބަބު ކޮމެޓީން ހޯދަނީ


ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު 14 އަހަރުގެ ފިރެހެން ކުއްޖާ ގެއްލުމުގައި އިޙުމާލުވެފައިވާ ވަނީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތް މަޖީލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފަށައިފިއެވެ.

14 އަހަރުގެ ކުއްޖާ ގެއްލިގެން ހޯދާ މައްސަލާގައި އެއްވެސް ސަރުކާރުގެ އިދާރާއެއްގެ އިހްމާލުވޭތޯ ސާފުކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުނާއި ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު ހޯދުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މި ހުށައެޅުން ކޮމެޓީއަށް ހުށައެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒްއެވެ. އަދި މި މައްސަލާގައި ޖެންޑަރ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރުމަށް ކޮމެޓީން ވަނީ ނިންމާފައެވެ.

ދަފްތަރު ނަމްބަރު 2997 ޝައިމް އަބްދުﷲ ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ އަމާން ހިޔާގައި ބަލަހައްޓަމުން ދަނިކޮށެވެ.

މި ކުއްޖާ ގެއްލިގެން ހޯދާތާ 6 ދުވަސް ވެފައިވާއިރު މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކުއްޖާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުއްޖެއްކަން ކުރިން ހާމަކޮށްފައެއް ނުވެއެވެ. ޖެންޑަރ މިނިސްޓްރީން އެ ކުއްޖާއަކީ އަމާން ހިޔާގައި ބަލަހައްޓަމުންދިޔަ ކުއްޖެއްކަން ހާމަކޮށްފައި މިވަނީ އެ ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުންދިޔަ ކުއްޖެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައުރުވާން ފެށުމުންނެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެ ކުއްޖާ ގެއްލިފައިވަނީ އެ މިނިސްޓްރީން ހަދަމުންދާ އެސެސްމެންޓެއް ހެދުމަށް ހިޔާގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބަހައްޓާފައިވަނިކޮށް ކަމަށެވެ. އަދި އެ ކުއްޖާއަކީ އަމާން ހިޔާގައި މަރުކަޒު ކުރުމަށް ގެނެސްފައިވާ ކުއްޖެއް ނޫންކަމަށާ، އެ ކުއްޖާ އަމާން ހިޔާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ އެ ކުއްޖާއާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ބަލަމުންދާތީ ކަމަށެވެ.

ޝައިމް ގެއްލިގެން ފުލުހުން ހޯދަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ކުއްޖާ ހޯދުމަށް 3 ގެއެއް މިހާތަނަށް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި ސީސީޓީވީ ފޫޓޭޖް ބަލައިގެންވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެެވެ.