ޚަބަރު

އައްޑޫސިޓީގެ ފަޅުން ވެލި ނެގުމުގެ އުސޫލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފި


އައްޑޫސިޓީ ފަޅުން ވެލި ނެގުމުގެ އުސޫލަށް ހިޔާލު ހުށައެހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫސިޓީގެ ފަޅު ތެރެއިން ވެލި ނެގުމުގެ އުސޫލުގެ އިތުރުން ވެލި ނަގާ ފަރާތްތަކުގެ އަތުން ނަގާނެ ފީއަކާމެދު ޚިޔާލު ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފަޅުން ނަގާ ކޮންމެ ވެލި ބަސްތާ އަކަށް 0.10 ލާރި އާއި 1.00 ރުފިޔާ އާ ދެމެދުގެ އަގެއް ނެގުމަށް ނިންމާފާއިވާކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީގެ ފަޅުން ވެލި ނެގުމާ ބެހޭގޮތުން ޚިޔާލު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އުސޫލުގެ ޑްރާފްޓުގައިވާގޮތުން އައްޑޫގެ ފަޅުން ވެލި ނަގާ، ވިއްކާ ބޭނުން ކުރެވޭނީ އައްޑޫސިޓީގެ އެތެރޭގައެވެ. އަދި ވެލި ނަގާ ސަރަހައްދުތައް ސިޓީކައުންސިލުން ކަނޑައަޅާގޮތަށް ނިންމާފައިވާއިރު އެ ސަރަހައްދުތައް ނޫން ސަރަހައްދަކުން ހުއްދައާ ނުލައި ވެލި ނެގުމަކީ މަނާކަމެއް ކަމަށްވެސް މި އުސޫލުގައި ވެއެވެ.

މި އުސޫލުގައި ވާގޮތުން ވެލި ނަގަން ކޮންމެ ފަރާތަކަށް ވެސް ހުއްދަ ދެވޭނީ 1 އަހަރުގެ މުއްދަތަކަށެވެ. އަދި މި ހުއްދައިގެ ދަށުން ވެލި ނަގާ ފަރާތްތަކުން ގަލާއި އަކިރި ނެގުމަކީ މަނާ ކަމަކެވެ. މީގެ އިތުރުން ވެލި ބަސްތާ އެއްވެސް ސަބަބަކާއި ހުރެ ފަޅަށް ދޫކޮއްލުމަކީވެސް މަނާ ކަމެކެއެވެ.

މިއުސޫލަށް ހުށަހަޅާ ޚިޔާލުތައް މިމަހުގެ 26ގެ ކުރިން ސިޓީ ކައުންސިލަށް ހުށަހަޅަންޖެހެއެވެ. އަދި އީމެއިލް އިންވެސް ޚިޔާލު ހުށަހެޅޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.