ކުޅިވަރު

އަންހެން ވޯލްޑް ކަޕްގެ 2ވަނަ ބުރަށް ދިޔަ ޓީމްތަށް ކަށަވަރުވެއްޖެ


ފްރާންސްގައި މިހާރު ކުރިޔަށްދާ އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ދެވަނަ ބުރަށް ދަތުރުކުރި ޤައުމުތައް ކަށަވަރުވެއްޖެއެވެ.
ސައުވީސް ޤައުމަކުން ވާދަކުރާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ރޭ ވަނީ ކުޅެފައިއެވެ. އެގޮތުން ގްރޫޕް އެފްގައި ސްވިޑެން އާއި އެމެރިކާ ބައްދަލުކުރި މެޗު ދޭއް ސުމެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ އެމެރިކާއެވެ. އަދި މި ގްރޫޕްގައި ހިމެނޭ ތައިލެންޑް އާއި ޗިލީ ބައްދަލުކުރި މެޗު ދޭއް ސުމަކުން ކާމިޔާބުކުރީ ޗިލީއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން މާދަމާ ރޭ ފަށާއިރު މުބާރާތުގައި ހިމެނޭ ހަ ގްރޫޕުގެ އެއްވަނަ އަދި ދެވަނައަށް ދިޔަ ޓީމު ވަނީ ގަދަ ސޯޅައަށް ދަތުރުކޮށްފައިއެވެ.

އެގޮތުން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް ދެވަނަ ބުރަށް ދަތުރުކުރި އިރު ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުކުރީ ނޯވޭއެވެ. ގްރޫޕް ބީން އެއްވަނައަށް ޖަރުމަނު ދަތުރުކުރި އިރު ދެވަނައަށް ދިޔައީ ސްޕެއިންއެވެ. ގްރޫޕް ސީން އިޓަލީއާއެކު ދެވަނަ ބުރަށް ދަތުރުކުރީ އޮސްޓްރޭލިއާއެވެ. އިންގްލެންޑް އާއި ޖަޕާން ގްރޫޕް ޑީން ދެވަނަ ބުރަށް ދަތުރުކުރިއިރު ގްރޫޕް އީން ދެވަނަ ބުރަށް ދަތުރުކުރީ ނެދަލޭންޑްސް އާއި ކެނަޑާއެވެ. ގްރޫޕް އެފްއިން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް އެމެރިކާ ދަތުރުކުރި އިރު ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ސްވިޑެންއެވެ.