ކުޅިވަރު

ޗެންޕިއަން ޓީސީ އީގަލްސްއަތުން ޕޮއިންޓްއަކުން ފުއްދާލަން ޖެހިއްޖެ


ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އާއި ކްލަބް އީގަލްސް ވާދަކުރި މެޗް ޕޮއިންޓްއަކުން ފުއްދާލަން ޖެހިއްޖެއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މި މެޗު ނިމުނީ އެކެއް އެކަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން މެޗުގެ ތިރީސް ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން ކްލަބް އީގަލްސް އަށް ލިބުނު ހިލޭ ޖެހުން އަލީ ފާސިރު (ސެންޓޭ) ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ކީޕަރ އިމްރާން ވަނީ އަތުން ޖައްސާ ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީ ސްޕޯޓްސް ކްލަބުންވެސް ވަނީ ގޯލެއް ޖަހަން މަސައްކަތްކޮށްފައެވެ. މި މެޗުގައި އީގަލްސް އިން ލީޑު ނެގީ 82 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުން ކްލަބް އީގަލްސްއަށް ބަދަލުވި އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ގޯލުންނެވެ. މި ލަނޑު ސެންޓޭ ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) ސެންޓޭ އަށް ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލީ އެ ބޯޅަ އަށް އެރި ކީޕަރު އިމްރާނަށް ފުރުސަތެއް ނުދީ ތިރިތިރިންނެވެ.

އީގަލްސް އިން ބޮޑު މޮޅަކަށް މިސްރާބު ޖަހާފައިވަނިކޮށް އެޓީމު މާޔޫސްކޮށްލީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަހު މިނެޓުގައި ބިމަލް ޖެހި ގޯލުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން މުހައްމަދު ސާމިރު ނަގައިދިން ހުރަސް ބިމަލް ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. ބިމަލްގެ މި ގޯލާ އެކު ޓީސީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްގެ އަލީ ފާސިރު (ސެންޓޭ)އެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ.