ޚަބަރު

މާލެ ސިޓީ ފިޔަވައި އެހެން ރަށެއްގައި ހުޅުވި ފުރަތަމަ، ސެޒޭޝަން ކްލިނިކު ށ. ފުނަދޫގައި


މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ރަށެއްގައި ދުންފަތާ ދުރުވުމަށް އެހީތެރިވެދިނުމަށް ހުޅުވި ފުރަތަމަ، ކްލިނިކު ށ. ފުނަދޫގައި ހުޅުވައިފިއެވެ.

ށ. ފުނަދޫގައި ދުންފަތާ ދުރުވުމަށް އެހީތެރިވުމަށް ހުޅުވި މި، ޓޮބޭކޯ ސެޒޭޝަން ކްލިނިކު ހުޅުއްވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

މިނިސްޓަރ މި ކްލިނިކު ހުޅުއްވައިދެއްވީ ށ.އަތޮޅު ރަށްތަކުގެ ސިއްޙީ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. މިނިސްޓަރ ވަނީ ފުނަދޫ ހޮސްޕިޓަލުން ފަށާ "ކެވެނި ކެމްޕެއިން"ވެސް އިފްތިތާހު ކޮށްދެއްވާފައެވެ.

މި ދަތުރު ފުޅުގައި މިނިސްޓަރ ވަނީ އެރަށުގެ ހޮސްޕިޓަލް ބައްލަވާލައްވާ، މިހާރު ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންދާ ބަލިމީހުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ.

ށ.އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދުއަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ އަތޮޅުގެ އަތޮޅު ކައުންސިލާއި، ފުނަދޫގެ ރަށު ކަައުންސިލާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރަށުގެ ސިއްޙީ ދާއިރާއާއި ގުޅުންހުރި މަޝްވަރާތައްކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ އަމީން ވަނީ ށ.އަތޮޅުގެ ސިއްޙީ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރަށްރަށަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އިތުރަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ހެލްތް މިނިސްޓަރ ޢަބްދުއްﷲ އަމީން ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅުގެ ރަށްތަކުގެ ސިއްޙީ ހާލަތު ބައްލަވާލެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ށ.އަތޮޅުގެ 14 ރަށަކަށް ޒިޔާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ސިއްޙީ ހާލަތު ބައްލަވައި ރަނަގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.