ވިޔަފާރި

ދަނޑުވެރިންނަށް ޚާއްސަ މޯބައިލް ޕެކޭޖެއް އުރީދޫއިން ތަޢާރަފްކޮށްފި


ފިޝަރީސް މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ މޯބައިލް ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރގައި މިކަމާއި ބެހޭ އެއްބަސްވުމެއްގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސެއިން ނިޔާޒެވެ. އަދި ފިޝަރީސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އައިމިނަތު ޝަފީޤާއެވެ.

އުރީދޫއިން ތަޢާރަފްކޮށްފައިވާ މި ޕެކޭޖް މެދުވެރިކޮށް ދަނޑުވެރިކަމާއި ގުޅޭ އެކި މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބޭނެއެވެ. އަދި ފިޝަރީސް މިނިސްޓްރީން ދަނޑުވެރިންނަށް ޚާއްސަކޮށްގެން އެކުލަވާލާ ލީފްލެޓްތައް މިނިސްޓްރީގެ ވެބްސައިޓުން އެއްވެސް ޗާރޖަކާއި ނުލައި ލޯޑްކުރެވޭނެކަމަށް ވެސް އުރީދޫއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި 7000 އެއްހާ ދަނޑުވެރިން ރަޖިސްޓްރީވެފައި އެބަތިބިކަމަށެވެ. އެހެންކަމުން އުރީދޫއިން ދަނޑުވެރިންނާއި ހަމައަށް މިފަދަ ޕެކޭޖެއް ގެނައުމަކީ މި ދަނޑުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

" ދަނޑުވެރިންގެ ގޮތުގައި ރަޖިސްޓްރީވެފައި އެބަތިބި 7000އެއްހާ ދަނޑުވެރިން. މި ޕެކޭޖް މެދުވެރިކޮށް އެންމެ އުފާވަނީ ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން." މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ މި ޕެކޭޖަކީ އާންމުކޮށް އުރީދޫއިން ތަޢާރަފްކުރާ ޕެކޭޖްތަކާއި ބަލާފައި ތަފާތު ޕެކޭޖަކަށް ވާނެކަމަށެވެ. އެގޮތުން މިޕެކޭޖް މެދުވެރިކޮށް ގަސް ހެއްދުމަށް ބޭނުންވާ ގަސްކާނާ ހެޔޮ އަގެއްގައި ދަނޑުވެރިންނަށް ލިބޭނެގޮތް އުރީދޫއިން ހަމަޖައްސައިދޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

"މިއީ ތަފާތު ޕެކޭޖްއެއް. އެކި ބެނެފިޓްސްތަކާއިއެކު ތަޢާރަފްކުރާ ޕެކޭޖްއެއް. ދަނޑުވެރިންގެ ޕެކޭޖްގައި ދަނޑުވެރިންނަށް ބޭނުންވާ ގަސް ކާނާއާއި ގަސް ހައްދަން ބޭނުންވާ ސާމާނު މާލޭގެ ފިހާރަތަކުން ޑިސްކައުންޓާއެކު ލިބޭނެ." ނިޔާޒު ވިދާޅުވިއެވެ.

ދަނޑުވެރިންނަށް ޚާއްސަކޮށްގެން އުރީދޫއިން ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފައިވާއިރު މީގެ ކުރިން ވެސް އުރީދޫއިން ވަނީ މަސްވެރިންނަށް ޚާއްސަކޮށްގެން މިކަހަލަ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. އުރީދޫއިން ބުނީ އެކުންފުނީގެ އުއްމީދަކީ މި ޕެކޭޖަށް ވެސް އާންމުންގެ ބޮޑު ތަރުޚީބެއް ލިބުންކަމަށެވެ.