ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންނަކީ ކުރީ ސަފަށް ނިކުމެ ބަސްވިކޭ ބަޔަަކަށް ހެދުމަށް ކުރާ މަސައްކަތް މި ސަރުކާރުން ކާމިޔާބުކުރަނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއިން ދުނިޔޭގެ އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ފޮރިން މިނިސްޓަރ ޝާހިދުވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ވޭތުވެ ދިޔަ ތަނުގައި ރާއްޖެއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ނަން ކިލަނބުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ސަރުކާރަށް ކުރިމަތިލާންޖެހިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންނަކީ ކުރީ ސަފަށް ނިކުމެ ބަސްވިކޭ ބަޔަަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޤައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ތަފާތު ޤައުމުތަކާއެކު ގުޅުން ޤާއިމުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ދިވެހިންނަކީ ދުނިޔޭގެ ބޮޑެތި ޖަމްޢިއްޔާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެވޭނެ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ބަސް ބުނާނެ، ބަސް ވިކޭ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތްކޮށް، އެގޮތުގައި ރާއްޖެ ކުރިއަރުވަން ޖެހޭ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މުޖުމަތަމައުއިން ދިވެހިރާއްޖެ ބަލައިގެންފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާއިރު، މިދިޔަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އީޔޫ އިން ރާއްޖެއަށް އަޅަން ފާސްކުރި ދަތިކުރުމުގެ އުސޫލުވެސް މިހާރުވަނީ ބާތިލުކޮށްފައެވެ. އަދި ދާދިފަހުން ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައިވެސް ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ތައްޔާރަށްތިބިކަން ހާމަކޮށް އެކަމަށް ވައުދުވެފައެވެ.