ޚަބަރު

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަ ތަރައްޤީ ގެނައުމުގައި އެއްބާރުލުން ދެއްވާ- ޝާހިދު


ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަ ތަރައްޤީ ގެނައުމުގައި އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަޒްސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ، ސަރުކާރުން ރާއްޖެ ތަރައްޤީ ކުރުމަށް ގެންގުޅުއްވާ ޖަޒީރާ ރާއްޖެ ކޮންސެޕްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްޤީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ދަށުން، ކައުންސިލްތަށް ބާރުވެރިކޮށް، ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުމަށް މަސައްކަތް ކުރާނެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މި ފޯރަމްގެ ދަށުން ނޫ އިޤްތިޞާދާއި، އިޖުތިމާޢީ ދާއިރާއިންނާއި ގުޑްގަވަނަންސްގެ ދާއިރާއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ފޯރަމްގެ ބައިވެރިންނާއި ހިސްސާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއިން ވޭތުވެ ދިޔަ ތަނުގައި ތަރައްޤީގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް، މި ތަރައްޤީގެ ފައިދާ ހުރިހާ ދިވެހިންނަށް ނުކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ފޯރަމްގެ ޒަރިއްޔާއިން ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގައި ހިއްސާދާރަކަށްވުމަށް މިނިސްޓަރ އަމީރު ވަނީ ފޯރަމްގައި ބައިވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019ގައި ދުނިޔޭގެ 35 ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މިފޯރަމުގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި، ޤައުމީ ތަރައްޤީގެ ޕްލޭނާ ބެހޭގޮތުން، ވަޒީރުން މަޢުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މައިގަނޑު ޝިޢާރަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއެއް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރެވެ.