ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ށ.ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗު ފޯކައިދޫ ކާމިޔާބުކޮށްފިއެވެ.
މި މެޗު ފޯކައިދޫން ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ދެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފޯކައިދޫ ސްޕޯޓްސް ކްލަބުންނެވެ. މި ލަނޑު މެޗުގެ ފަސްދޮޅަސް ހަވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އަލީ ޝާމިއުއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަހުމަދު ނާޝިދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ޔޫވީއަށް ހަމަހަމަކޮށްދީފައެވެ.
މި މެޗުން ފޯކައިދުއަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ފުވާދްް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޯކައިދޫ ސްޕޯޓްސް ކްލަބުގެ އަލީ ޝާމިއުއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މެޗެއް ދެން ކުޅެނީ އަންނަ ބުދަ ދުވަހު އެވެ. ބުދަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ދެވަނަ މެޗުގައި އެރޭ ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.