22 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
މިއަހަރުގެ މުބާރާތުގައި ސޯޅަ ސްކޫލަކުން ވަނީ ބައިވެރިވެފައެެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ ތިން ސްކޫލެއް ހިމެނެއެވެ.
މި މުބާރާތް ކުރިޔަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށުގެ އުމުރުފުރާއެވެ.
މުބާރާތުގައި މިއަދު ވަނީ ތިން މެޗެއް ކުޅެފައެވެ. އެގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސާދަ އަހަރުން ދަށުގެ އިސްކަންދަރު ސްކޫލްގެ ޓީމާއި ރެހެންދި ސްކޫލެވެ. މި މެޗު 68 ޕޮއިންޓް 4 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލް އެވެ. މި މެޗުން ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ މަރިޔަމް ޝިއުރާ ނާސިހް އެވެ.
މުބާރާތުގައި މިއަދު ދެވަނައަށް ކުޅުނީ ސޯޅަ އަހަރުން ދަށުގެ މެޗެކެވެ. މި މެޗު ހިރިޔާ ސްކޫލް ކާމިޔާބުކުރީ ސ.އަތޮޅު ސްކޫލާއި ވާދަކޮށް 50 ޕޮއިންޓް 16 ޕޮއިންޓުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ހިރިޔާ ސްކޫލްގެ އިޝާ އަބްދުއްރައްޒާގް އެވެ.
މުބާރާތުގައި މިއަދު ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ބާރަ އަހަރުން ދަށުގެ ރެހެންދި ސްކޫލްގެ ޓީމާއި އިސްކަންދަރު ސްކޫލް އެވެ. މި މެޗު 43 ޕޮއިންޓް 1 ޕޮއިންޓުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލް އެވެ. މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމް ހޯދީ އިސްކަންދަރު ސްކޫލްގެ އައިޝަތު އީޝާލް އަލީ އެވެ.
ސޯޅަ ސްކޫލަކާއެކު މިއަދު ފެށި މި މުބާރާތް މިމަހުގެ ތިރީހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.