ކުޅިވަރު

ވިކްޓްރީ ބަލިކޮށް ޗެމްޕިއަން ޓީސީން ލީގުގެ ފެށުން ރަނގަޅުކޮށްފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ވިކްޓްރީ ބަލިކޮށް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓީސީއިން ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ. މި މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ ސަތާރަ ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އިބްރާހިމް ސަފްރާޒްއެވެ. ސަފްރާޒް ވަނީ މި މެޗުގެ ފުރަތަމަ ހާފް ނިމެން ފަސްމިނެޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހާ ޓީސީއަށް ލީޑް ފުޅާކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޓީސީގެ ޒުވާން ޑިފެންޑަރ މުހައްމަދު އަޖުފާންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށްލާފައެވެ. މި ލަނޑު އަޖުފާން ޖެހީ ގޯލު އޭރިޔާ ތެރެއިން އިސްމާއިލް އީސަ ނަގައިދިން ހުރަސް ވިކްޓްރީގެ ގޯލު ކީޕަރު އަތުގައި ޖެހިފައި ވެއްޓުމުން، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. މެޗުގައި ޓީސީން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ ފަސްދޮޅަސް ފަސްވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އިބްރާހިމް އަތީގް ހަސަންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީއަށް މި މެޗުގައި ދެ ލަނޑު ޖަހައިދިން އިބްރާހިމް ސަފްރާޒްއެވެ.