ތަޢުލީމު

އެއްދަންފަޅިއަށް ކިޔަވައިދޭން ފަށަނީ 8 ޖަހާއިރު


އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓު ފަށާފައިވާ 22 ސްކޫލުގެ ކިޔެވުން ފެށޭނީ ހެނދުނު 8 ޖަހާއިރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރުގެ ދެވަނަ ޓާރމުގައި ފަށާފައިވާ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓާ ގުޅުވައިގެން ދެކެވެމުންދާ ބައެއް ވާހަކަތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓު ފަށާފައިވާ 22 ސްކޫލުގައިވެސް ސެޝަން ފެށޭނީ ހެނދުނު 8 ޖަހާއިރުކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުން ފެށޭނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 6 ޖަހާއިރު ކުރިއަށްގެންދާ ސުޕަރވައިޒްޑް އެކްސަޒައިޒް ޕްރޮގްރާމެއްގައި ބައިވެރިވުމަށްފަހުކަމަށާ، މި ގަޑިތަކަށް ކަނޑައަޅާފައިވަނީ ސްކޫލްތަކާއި ބެލެނިވެރިންނާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓް ކުރިއަށްގެންދާ 22 ސްކޫލުގެ ތެރެއިން އެއް ސްކޫލަކުން ކަސްރަތު ޕްރޮގްރާމުގައި ދަރިވަރުން ބައިވެރިކުރުވުމަށްފަހު، ގެއަށްގެންގޮސް އަލުން ދަރިވަރުން ސްކޫލަށް ގެނެއުމަށް ދަތިވާކަމުގެ ޝަކުވާ ބެލެނިވެރިން ކޮށްފައިވާތީ، އެ ސްކޫލުގައި ކަސްރަތު ޕްރޮގްރާމް ހެނދުނު 7 ޖަހާއިރު ފެށުމަށް ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ މޮޑެލް އެހެން ސްކޫލްތަކަށް ތަޢާރަފުކުރާއިރު، ޕައިލެޓް ޕްރޮޖެކްޓުގެ ތެރެއިން ސްކޫލްތަކާއި ބެލެނިވެރިން ހުށަހަޅުއްވާ ޝަކުވާތަކާއި ޚިޔާލުތަކަށް ރިޢާޔަތްކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދެވަނަ ޓަރމާއެކު ރާއްޖޭގެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް ވަށައިޖެހޭ ތަޢުލީމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާއިރު، މި ޕްރޮޖެކްޓަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި މިއިން ކޮންމެ ސްކޫލެއްގައި ފަތިހު ފަތިސް ނަމާދުން ފެށިގެންގޮސް ހަވީރު ތިނެއް ޖެހުމާހަމައަށް މި ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވެފައިވާއިރު، އެކުދިން މި ޕްރޮޖެކްޓާމެދު ހިތްހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ތައުލީމީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޕްރޮޖްކްޓްގައި ޑަބަލް ގަޑި އިތުރުކޮށް، ކޮންމެ މާއްދާއަކަށް ޙާއްސަކުރެވޭ ގަޑި އިތުރުކުރުމަކީ ކުދިންގެ އުފެދޭ ސުވާލުތަކަށް ޖަވާބު ފުރިހަމައަށް ލިބި ރަނގަޅު ވަށާ ޖެހޭ ތަޢުލީމަކަށް މަގުފަހިވާނެކަމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.