ވިޔަފާރި

ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުން މެދުކަނޑާލައިފި


ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުން، ފިޝަރީޒް މިނިސްޓްރީން މެދުކަނޑާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ 100 މޭލު ބޭރު ކަނޑުގެ ސަރަހައްދުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުން މެދުކަނޑާލާފައިވާކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި ލައިސަންސް ދޫކުރުން މެދުކަނޑާލީ އެކަން ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މަޤްޞަދުތައް ހާސިލްނުވުމާއެކު މިކަމުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމުންކަމަށެވެ. އެހެންކަމުން ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ހުރިހާ އުޅަނދުފަހަރެއް މިހާރު އަނބުރާ ބަނދަރަށް ގެނެވިފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީސް މިނިސްޓްރީން ވިދާޅުވީ ލޭނު މަސްވެރިކަންކުރުމުގެ ލައިސަންސް އަލުން ދޫކުރާނީ މިހާރު ފާހގަަކުރެވިފައިހުރި މައްސަލަތަކަށް ހޯދަންޖެހޭ ހައްލުތަކާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް އެމައްސަލަތަކަށް ހައްލު ހޯދުމަށްފަހުކަމަށެވެ. އެގޮތުން، ލޭނު މަސްވެރިކަންކުރާ އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އެހެނިހެން ފަރާތްތަކާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ.

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ 2012 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރިނަމަވެސް މިބާވަތުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ވަރަށް މަދެވެ. އަދި ފާއިތުވި އަހަރުތަކުގައި ފިޝަރީސް މިނިސްޓްރީން އެކި ފަހަރުމަތިން ލޭނު މަސްވެރިކަމަށް މަސްވެރިން ތަމްރީނުކުރުމަށްޓަކައި ތަފާތު ޕްރޮގްރާމުތަކެއްވެސް ހިންގާފައިވެއެވެ.

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުންއައީ ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގެ 100 މޭލާއި 200 މޭލާއި ދޭތެރޭގައެވެ.