ހއ ދިއްދޫގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މިއޮފީސް ހުޅުވައި ދެއްވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ވަހީދާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސެއިން އެވެ. މިއޮފީސް މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ޕާސްޕޯޓު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ދިއްދޫ އިމިގްރޭޝަން އޮފީސް ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި އެރަށުން ދޫކުރި އެންމެ ފުރަތަމަ ޕާސްޕޯޓު ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު އަޙުމަދު ޙުސެއިން އެވެ.
އިމިގްރޭޝަނުން ބުނީ ދިއްދޫގައި ހުޅުވި އޮފީހުން މިހަފްތާގެ ބުދަދުވަހުން ފެށިގެން ޕާސްޕޯރޓް ދޫކުރުން ކުރިއަށްދާނެކަމަށެވެ. އަދި ޕާސްޕޯރޓަށްއެދި އީމެއިލްގެ ޒަރިއްޔާއިންވެސް ފޯމް ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ޕާސްޕޯޓަށްއެދި ހުށައަޅާތާ މަދުވެގެން އެއްހަފްތާ ތެރޭ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު ކުރިއަށްއޮތްތަނުގައި އިމިގްރޭޝަނުން ދޭ އިތުރު ޚިދުމަތްތައްވެސް އެ އޮފީހުން ދެމުންދާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ޙުސައިން ވަނީ ވިދާޅުވެފައެވެ.
ހއ ދިއްދޫގައި ދިވެހި ޕާސްޕޯޓުގެ ޙިދުމަތް މިއަދު ފެށިއިރު، މިއީ އިމިގްރޭޝަނުން މާލެ ފިޔަވާ މިޚިދުމަތް ދޭން ފެށުނު ހަތަރު ވަނަ ރަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިދިޔަ މާރޗު މަހު ދިއްދޫއަށް ވަޑައިގެން އެރަށުގެ
ރައްޔިތުންނާ ބައްދަލު ކުރައްވާ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާލުވީ އަމާޒަކީ އެ މުވައްސަސާއިން ދެމުންގެންދާ ޚިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަވެގެން ދާނޭގޮތަށް ބައްޓަންކޮށް، ފެންވަރު ރަގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދީ މިޙިދުމަތް ފުޅާކުރުންކަމަށެވެ.