ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިންގްލެންޑް ހޯދައިފިއެވެ.
ތިންވަނަ ހޮވާ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވިއެވެ. ޕެނަލްޓީގައި ސްވިޒްލެންޑްގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 6-5 އިންނެވެ. ނޭޝަންސް ލީގުގެ ތިން ވަނަ އެޓީމުން ހޯދިއިރު މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގައި އެޓީމަށް ލިބުނީ ހަތަރު ވަނައެވެ.
މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އިންގްލެންޑަށް ކުރި ލިބުނީ ސްވިޒަލެންޑުގެ ޔޯސިޕް ޑާމިޗް ޖެހި ޕެނަލްޓީ ކީޕަރު ޕިކްފޯޑް މަތަކުރުމުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ބުނީ މި މެޗުގައި ގޯލު ޖެހުމަށް ތަނަވަސްކުރި ފުރުސަތުތަކާއި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު އިންގްލެންޑްއަށް ތިންވަނަ މަގާމު ހައްގުކަމަށެވެ. އަދި މި މި މެޗުގައި ޕެނަލްޓީއަށްގޮސް ނަތީޖާ ނެރެން ޖެހިދާނެތީ އެކަމަށް ތައްޔާރުވިކަމަށްވެސް ސައުތްގޭޓް ބުނެފިއެވެ. ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިވީ ނެދަލޭންޑްސް އަތުންނެވެ.