މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ ޝެރިޓީ ޝީލްޑް މެޗުގެ ދެވަނަ ލެގު ފަސްކޮށްފިއެވެ.
މާދަމާ ރޭ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އެގާރަ ޖޫންވާ އަންގާރަ ދުވަހުގެ ރެއަށް ފަސްކުރީ، މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫ ފުޓްބޯޅަ ޓީމަށް މާލެއަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުންނެވެ.
ސީޒަން ހުޅުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގު ކުޅެފައިވަނީ މިދިޔަ ހުކުރު ދުވަހު ށ.ފޯކައިދޫގައެވެ. ޓީސީ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ބައްދަލުކުރި މި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމު އެއްވަރުވެގެންނެވެ.
އެހެން އަހަރުތަކާއި ޙިލާފަށް ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކޮށް މާލޭން ބޭރުގައި އެއް މެޗު ކުޅޭ ގޮތަށް ރޭވުމުގެ އެއް މަގުސަދަކީ އެފްއޭއެމުން މުޅި ރާއްޖެ އަށް ފުޅާކޮށްގެން ލީގު ބޭއްވުމުގެ ފެށުމެއްގެ ގޮތުގައިކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
މިއީ މާލެއިން ބޭރުގައި ޗެރިޓީ ޝީލްޑް މެޗު ކުޅުނު ފުރަތަމަ ފަހަރެވެ.