ތިން ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުން ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި މައްސަލާގައި ފުލުހުން ޢަމަލުކޮށްފައިވާގޮތް ބަލާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރ މިހެން ވިދާޅުވީ، ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން ދެފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނުނުގައި ބުނާ ކަމެއް ފުލުހުން ފުރިހަމަކޮށްފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެގައެވެ. ނަމަވެސް ފުލުހުން ބުނަމުން އަންނަނީ އެ ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައި ވާނީ މަސްތުވާތަކެތީގެ މައްސަލާގައި އަބަދުވެސް އަމަލު ކުރަމުން އަންނަ އިޖުރާއަތްތަކާ އެއްގޮތަށްކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ޤާނޫނު އަރާ ހަމަކުރާނެކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ފުލުހުން ފަސްނުޖެހޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރި 25 އަހަރުގެ ފިރިހެންމީހާ އާއި 52 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ދެ ފަހަރެއްގެ މަތިން ކޯޓަށް ޙާޒިރުކުރުމުންވެސް އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ނުކޮށްދީ ވަނީ ދޫކޮށްލާފައެވެ. އެ ދެ ފަހަރުވެސް އެމީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ޤާނުނުގައި ބުނާ ކަމެއް ފުލުހުން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެއެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުންގެ ތެރެއިން 25 އަހަރުގެ ފިރިހެންމީހާގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްދީފައެވެ. އަދި 52 އަަރުގެ އަންހެން މީހާގެ ބަލި ހާލަތު ހުރި ގޮތުން ޝަރުތުތަކާއި އެކު ވަނީ ދޫކޮށްލާފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މަންމައަކާއި ދަރިއެކެވެ. އަދި ފެނުނު މަސްތުވާތަކެއްޗަކީ އަމިއްލަ ތަކަތި ކަމަށާއި އެ ތަކެއްޗާއި ބޭހޭ މައުލޫމާތު މަންމައަށް ނޭގޭނެކަމަށް 25 އަހަރުގެ މީހާ ކޯޓްގައި އިއުތިރާފްވެފައިވާކަމަށް ފުލުހުން ބުނެއެވެ.